ޚަބަރު
72 ކިލޯގެ ޑްރަގް ޓްރެފިކިންއާ ގުޅޭ މައްސަލައެއް ހައިކޯޓުން ބޭރުކޮށްލައިފި

72ކިލޯ ޑްރަގް ޓްރެފިކްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިރްފާން ތަގިއްޔު---

ފަރުދުން
16 އޮކްޓޯބަރު 2025، 07:50
16 އޮކްޓޯބަރު 2025، 07:50
72ކިލޯގެ ޑްރަގް ޓްރެފިކްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސ. ހުޅުދޫ، ދޭލިޔާގޭ އިރުފާން ތަގިއްޔުގެ މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ނުދައްކާކަމަށް ބުނެ، އެ މައްސަލަ ހައިކޯޓުން ބޭރުކޮށްފިއެވެ.
އިރުފާންގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ 2020ވަނަ އަހަރު "މަސްޖަރީ-2" ނަމަކަށް ކިޔާ މަސްދޯންޏެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތުގެ ގޮތުގައެވެ.
އަދި ދައުލަތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރީ، އިރުފާންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރުމާ ގުޅިގެންނެވެ. ނަމަވެސް ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާ ކަމަށް ބުނެ އެވެ.
އިރުފާންއާއެކު ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގައި ދެން ހިމެނެނީ އަޙްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުޙައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީގެ މައްޗަށެވެ. މި ދެ މީހުންގެ މައްސަލަ ވެސް އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
އިރުފާން ތަގިއްޔުގެ މައްސަލަ ހައިކޯޓުން ބަލައިނުގަންނަން ހައި ކޯޓުގެ ރެޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވި ނިންމެވުމުގައި ވިދާޅުވީ، އެ މައްސަލަ ރެޖިސްޓްރީކުރުމަށް ދައްކަންޖެހޭ 300 ރުފިޔާ ދެއްކުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މަހުގެ 5ވަނަ ދުވަހު އީމެއިލްކޮށްފައިވާނެ ކަމަށާއި، ނަމަވެސް ދެވުނު މުއްދަތުގައި ފީ ދައްކާފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ.
ހައިކޯޓުގެ މި ނިންމެވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ފީ ދެއްކުމަށް އެންގި އީމެއިލް ނުލިބޭކަމަށެވެ.
ދޯނީގައި ޑްރަގް އެތެރެކުރިކުރަން ސާބިތުނުވާ ކަމަށް ބުނެ ތިން މީހުންނަށް ވެސް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީގައި ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު، އެ މައްސަލައިގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ޤަބޫލު ކުރެވޭތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.