Ads by Stelco

ޚަބަރު

ޢާއިލާއާ ބެހޭ ޤަވާއިދަށް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޢާއިލާއާ ބެހޭ ޤަވާއިދަށް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޢާއިލާއާ ބެހޭ ޤަވާއިދަށް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މަޝްވަރާ ބައްދަލުވުން / ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ

farudhun logo

ފަރުދުން

16 އޮކްޓޯބަރު 2025، 10:26

16 އޮކްޓޯބަރު 2025، 10:26

ޢާއިލާއާ ބެހޭ ޤަވާއިދަށް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ. 

ޢާއިލާއާ ބެހޭ ޤަވާއިދަކީ ޢާއިލާއާ ބެހޭ ޤާނޫނު ތަންފީޛުކުރުމުގައި ޢަމަލު ކުރާނެ އުސޫލުތައް ބަޔާންކުރާ ޤަވާއިދެވެ.  

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން ބޭއްވި މި މަޝްވަރާ ބައްދަލުވުމަކީ، އެ ޤަވާއިދު އިތުރަށް ފުރިހަމަކޮށް، ތަންފީޛުކުރުމުގައި މިހާރު ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން، ހުށަހެޅުމަށް ގަސްތުކުރާ އިސްލާޙުތައް ވެލިޑޭޓުކުރުންކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. 

އެގޮތުން ދާއިރާގެ ތަޖުރިބާކާރުންނާއި މަސްޢޫލުވެރި އިދާރާތަކުގެ ޚިޔާލުތަކަށް ބިނާކޮށް، ހުށަހެޅިފައިވާ އިސްލާހުތައް ވެލިޑޭޓްކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ދާއިރާތަކާއި ކަންކަން ފާހަގަ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނުކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އަދި މި ބައްދަލުވުމުގައި ވަނީ ޢާއިލާ އާބެހޭ ޤަވާއިދު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތަކާއިއެކު އިޖުރާޢީ ގޮތެއްގައި ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައެވެ.

މި ޤަވާއިދުގެ ތަންފީޛީ މަރުޙަލާގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ޤަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރިޔަށް ދިޔައީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި ފެމިލީ ކޯޓުގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުމާއެކީގައިކަމަށް ވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން