ޚަބަރު
ކޮޅުވެއްޓިއެއް ބަންޑުންޖެހި ހިތާމަވެރި ޙާދިސާގައި ނިޔާވި މީހާގެ ޢާއިލާއަށް ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާ
ރޭ ދަންވަރު ކަނޑުމަތިން ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިއެއް ބަންޑުންޖެހި ހިނގި ހިތާމަވެރި ޙާދިސާގައި އެކަކު ނިޔާވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ހާދިސާގައި ނިޔާވި ފަރާތުގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފައެވެ. އަދި މިފަދަ ހާލަތްތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ މަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދާންދޫ އުމުރުން 38 އަހަރުގެ އަޙުމަދު ޝިފާނެވެ. ރައީސް ވިދާޅުވީ، އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައިވަނިކޮށް ފެނުނު ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށާއި، މަރްޙޫމް އަޙުމަދު ޝިފާނަށް ﷲގެ ރުއްސެވުމާއި ފުއްސެވުން ދެއްވައި، އާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ، މި ޙާދިސާގައި ދެން ގެއްލިފައިވާ ދެ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޚާއްޞަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެ ދެ މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވާ ކަމަށާއި، ގެއްލިފައިވާ ދެ މީހުން ހެޔޮ ޙާލުގައި ތިއްބާ ފެނުމަށާއި، މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ޞިއްޙީ އަދި ނަފްސާނީ ދަތިތަކުން އަވަހަށް ޝިފާ ލިބި، ޢާއްމު ޙާލަތަކަށް އައުމަށް އެދިވެސް އެ މަނިކުފާނު ވަނީ ދުޢާކުރައްވާފައެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) October 16, 2025
ކޮޅުވެއްޓިއެއް ބަންޑުންޖެހުމުގެ ހިތާމަވެރި ޙާދިސާއެއް ރޭ ހިނގައި، އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައި ވަނިކޮށް ފެނުނު ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު.
މަރްޙޫމަށް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުޢާކޮށް، އެ…
މިފަދަ މޫސުން ގޯސް ޙާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުން ދޭ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކައުތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުދަތުރު ކުރައްވާ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މި ހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި ޖުމްލަ 7 މީހުން ތިއްބެވެ. މިހާތަނަށް 4 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.