ޚަބަރު
ޅައިމަގުގެ ކަރަންޓާއި ޞިއްޙީ ޚިދުމަތް ފުޅާކުރައްވައި، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ފައްޓަވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޅައިމަގު ރައްޔިތުންނާ ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް
ށ. ޅައިމަގަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކޮށް، ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ށ. ޅައިމަގަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޅައިމަގުގެ ތަރައްޤީއަށްވެސް ކުރަން ހުރި މަސައްކަތްތައް ކުރައްވާނެކަމަށެވެ. އެގޮތުން ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ސިއްޙީ މަރުކަޒާއި، ކައުންސިލް އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތަރައްޤީގެ އެކި މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމަށާއި، ކުރީ ސަރުކަރުން ހަވާލުކޮށްފައިވާ ކުނިކޮށީގެ މަސައްކަތް ކުރިއަށް ނުދާތީ، އެ މަސައްކަތް މިމަހުގެ ތެރޭގައި ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއިން ކުރައްވާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސްކޫލުގެ އައު އޮފީސް އިމާރާތް ތަރައްޤީކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށެވެ. "ސްކޫލްގެ އައު އިމާރަތުގައި ލައިބްރަރީ، ސައިންސް ރޫމް، ހެލްތް ރޫމް ހިމެނޭނެ. އެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާން. އަންނަ އަހަރު އެ މަޝްރޫއު ވީހާވެސް ކުރީކޮޅު ފަށާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އަންނަ އަހަރު ސްވިމިންގ ޓްރެކެއް ތަރައްޤީކޮށް، ފުލުހުންގެ އަމިއްލަ އިމާރާތެއްގެ މަސައްކަތްވެސް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ހޭންޑް ބޯލް ކޯޓުގެ މަސައްކަތާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވަނީ ޔަޤީންކަން ދެއްވާފައެވެ.
ޞިއްޙީ ޚިދުމަތް ފުޅާކުރައްވާއިރު، ސިއްޙީ މަރުކަޒުގެ އައު އިމާރާތް ކުރާއިރު ޚިދުމަތް 16 ގަޑިއިރަށް ބަދަލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައު އިމާރާތް ތަރައްޤީ ކުރަނީ 4 އެނދާއި، ލެބޯޓަރީ، ނާރސް ސްޓޭޝަން، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުވެސް ހިމެނޭ ގޮތަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިއަހަރާއި ކުރިއަަށް އޮތް 3 އަހަރަށް ބަހާލައިގެން އެ މަސައްކަތްތައް ކުރިއަށްދާނެކަމަށާއި، ޅައިމަގުގައިވެސް ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.