ޚަބަރު
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 12 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
ހުޅުމާލެ ފޭސް - 1 ގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 12 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ބިދޭސީން އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން، ހުޅުމާލެ ފޭސް 1 ގައި ޓާސްކްފޯސްއިން ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، މި އޮޕަރޭޝަނުގެ ދަށުން ޖުމްލަ 12 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހުންނާއި، ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިއަ 3 މީހުންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިއަ 4 މީހުންކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށްވެސް ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 8،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.