ޚަބަރު
އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިއްޖެ

ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންތަކެއް
މިދިޔަ ސެޕްޓެންބަރު މަހުގެ ނިޔަލަށް އެއަރޕޯޓް ޓެކުހާއި ފީ (އޭޓީއެފް)ގެ ގޮތުގައި ދައުލަތަށް 2.5 ބިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ އާމްދަނީ ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން ސެޕްޓެންބަރު 18 އަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 51 އިންސައްތައިގެ ކުރިއެރުމެކެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މި މުއްދަތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 51.1 އިންސައްތައިގެ އިތުރުވުމެކެވެ. މި ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
އޭޓީއެފްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޓެކްސް ނަގާ ރޭޓް ބޮޑުކުރުން ހިމެނެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުން އަދި ދެ އަހަރު ނުފުރޭ ކުޑަކުދިން ހިމެނެއެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް އިތުރު 580،741 ފަތުރުވެރިން ބޭނުންވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.