ދުނިޔެ / ޚަބަރު

މަސްޖިދުލް ޙަރާމްގެ ކައިރީގައި ނުވަ ލައްކަ މީހުންނަށް އަޅުކަންކުރެވޭ ‘ކިންގް ސަލްމާން ގޭޓް’ ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

މަސްޖިދުލް ޙަރާމްގެ ކައިރީގައި ނުވަ ލައްކަ މީހުންނަށް އަޅުކަންކުރެވޭ ‘ކިންގް ސަލްމާން ގޭޓް’ ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

‘ކިންގް ސަލްމާން ގޭޓް ގެ ކުރެހުމެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޮކްޓޯބަރު 2025، 01:12

16 އޮކްޓޯބަރު 2025، 01:12

މައްކާގެ މަސްޖިދުލް ޙަރާމްއާ އިންވެގެން، އެއްފަހަރާ ނުވަ ލައްކަ މީހުންނަށް އަޅުކަންކުރެވޭ ވަރުގެ ބޮޑު ސަރަޙައްދެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަޢުދީ ޢަރަބިއްޔާއިން ފަށައިފިއެވެ. މި މަސައްކަތް ފައްޓަވާދެއްވާފައި ވަނީ އޮކްޓޯބަރ 15 ވަނަ ދުވަހު، ސަޢުދީ ޢަރަބިއްޔާގެ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާންއެވެ.

އަލަށް ތަރައްޤީ ކުރާ މި ސަރަޙައްދުގައި ނަމާދުކުރާނެ ޖާގަ ޤާއިމްކުރަނީ އިމާރާތުގެ އެތެރޭގައި އަދި ބޭރުގައި ވެސް އަޅުކަންކުރެވޭނެ ގޮތަށެވެ. ޖުމްލަ 12 މިލިޔަން އަކަ މީޓަރުގެ މި ސަރަޙައްދަށް ދީފައިވާ ނަމަކީ ‘ކިންގް ސަލްމާން ގޭޓް’އެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާ އާރުޔޫއޭ އަލްޙަރަމް އަލްމައްކީ ކޮމްޕަނީން ބުނީ، މި މަޝްރޫޢުގެ ސަބަބުން ޙަރަމްފުޅު ބޭނުންކުރުމުގައި ޙައްޖާޖީންނާއި ޢުމްރާވެރިންނަށް އިތުރު ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް، މި މަޝްރޫޢުގެ އަގު، އަދި މަޝްރޫޢު ނިމޭނެ ކަމަށް ބެލެވޭ ތާރީޚެއް އެ ކުންފުނިން ޙިއްޞާކޮށްފައެއް ނުވެއެވެ.

މަސްޖިދުލް ޙަރާމްއަކީ މުސްލިމުންގެ އެންމެ މާތް އަދި މުޤައްދަސް މިސްކިތެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު މިސްކިތަށް ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރަކު އެތައް މިލިޔަން މީހުންނެއް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި މި މިސްކިތަށް ޒިޔާރަތް ކުރެއެވެ.

މިފަދަ ބޮޑެތި މަޝްރޫޢުތައް ސަޢުދީ ޢަރަބިއްޔާއިން ހިންގަމުންދަނީ އެ ޤައުމުން ފަށާފައިވާ ވިޝަން 2030ގެ ދަށުންނެވެ. ތެލުގެ ވިޔަފާރިއަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، އެހެން ދާއިރާތައް ކުރިއަރުވައި ބޮޑެތި އިޤްތިޞާދީ ބަދަލުތައް ގެނައުމަކީ ވިޝަން 2030ގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. 2030ވަނަ އަހަރުގެ ކުރިން ޙައްޖާއި ޢުމްރާގެ އަޅުކަމަށް އަހަރަކު 30 މިލިޔަން މީހުން އެ ޤައުމަށް ޒިޔާރަތް ކުރުމަކީ ސަޢުދީ ޢަރަބިއްޔާގެ އެއް މަޤްޞަދެވެ. 2019ވަނަ އަހަރު ޙައްޖާއި ޢުމްރާއިން ސަޢުދީ ޢަރަބިއްޔާއަށް 12 ބިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބިފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން، ޙަރަމްފުޅަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު އިތުރުކޮށް، ޤައުމުގެ އިޤްތިޞާދަށް ދޭ އެހީތެރިކަން އިތުރުކުރުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން