ޚަބަރު
ޒުވާނުންގެ ދުޅަހެޔޮކަމަށް ޚާއްސަ 'ޔޫތު ވެލްނެސް ލައުންޖް' ޙިދުމަތް ކޮންމެ ހޮނިހިރު ދުވަހަކު!

'ޔޫތު ވެލްނެސް ލައުންޖް' ފޮޓޯ: ވުޒާރާ
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ޒުވާނުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްގެން ފަށާފައިވާ "ޔޫތު ވެލްނެސް ލައުންޖް"ގެ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގައި ދިނުމަށް ހަމަޖައްސައިފިއެވެ. މި ޚިދުމަތް ދެމުންދާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 4 އިން 6 އަށް ސޯޝަލް ސެންޓަރުންނެވެ.
ޒުވާނުންގެ ސިއްހީ ހާލަތު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ފަށާފައިވާ މި ޚިދުމަތުގެ ދަށުން ގިނަ ކަންތައްތަކެއް ހިމެނެއެވެ. އެގޮތުން، ވަކިވަކި ފަރުދުންނަށް ސިއްހީ ސްކްރީނިންއާއި، އަމިއްލަ ކޮންސަލްޓޭޝަންގެ އިތުރުން ސިއްހަތާ ގުޅޭ މައުލޫމާތު ދިނުމުގެ ޚާއްސަ ސެޝަންތައް ވެސް ކުރިއަށް ގެންދެވޭނެއެވެ. މިއީ ޒުވާނުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފަސޭހައިން ލިބިގަތުމަށް ފަހިކޮށްދޭ ފުރުސަތެކެވެ.
މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ޚިދުމަތް ދޭ ގަޑިތަކުގައި ސީދާ ސޯޝަލް ސެންޓަރަށް ޒިޔާރަތްކޮށްގެން ވެސް ޚިދުމަތް ލިބިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
"ޔޫތު ވެލްނެސް ލައުންޖް" އަކީ، މީގެ ކުރިން ކުރިއަށް ގެންދިޔަ ޒުވާނުންގެ ހެލްތު ކެފޭގެ އާ ބްރޭންޑިން އެކެވެ. މިހާރު މިތަން ވަނީ އިތުރަށް ޒަމާނީ ކުރެވި، އަދި ކުރިއަށްވުރެ ފުޅާދާއިރާއެއްގައި ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުކުރެވިފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ޒުވާނުންނަށް ސިއްހީ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި، ދުޅަހެޔޮ އަދި ހިތްފަސޭހަ މާހައުލެއްގައި އެމީހުންގެ ސިއްހަތަށް ބެލެހެއްޓުމެވެ.