ސައިންސް / ދުނިޔެ

ގްރީންލެންޑް ކުޑަވެ، އިރުއުތުރަށް ދަތުރުކުރަނީ : ދިރާސާ

ގްރީންލެންޑް ކުޑަވެ، އިރުއުތުރަށް ދަތުރުކުރަނީ : ދިރާސާ

ގްރީންލޭންޑް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޮކްޓޯބަރު 2025، 01:45

16 އޮކްޓޯބަރު 2025، 01:45

 ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑު ރަށްކަމަށްވާ ގްރީންލެންޑް ކުޑަވެ، މަޑުމަޑުން އިރުއުތުރަށް ދަތުރުކުރަމުންދާ ކަމަށް އާ ދިރާސާއަކުން އިންޒާރުދީފިއެވެ. ޑެންމާކުގެ ޓެކްނިކަލް ޔުނިވަރސިޓީ (ޑީ.ޓީ.ޔޫ) ސްޕޭސްއިން ހަދައި، "ޖާރނަލް އޮފް ޖިއޯފިޒިކަލް ރިސަރޗް: ސޮލިޑް އާތް" ގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، ގްރީންލެންޑްގެ ބިން "ކުޑަވެ، ފިތި، ދެމެމުން" ދާ ކަމަށެވެ.

މި ކަން ހިނގަމުންދަނީ ގްރީންލެންޑްގެ މަތީގައި ހުންނަ ބޮޑެތި ގަނޑުފެން ފަށަލަތައް (އައިސް ޝީޓްސް) ގިރެމުންދާތީ، ބިމުގެ އަޑިން މައްޗަށް އަންނަ ޕްރެޝަރު ކުޑަވެ، ބިމުގެ ފަށަލަތަކުގެ ހަރަކާތްތަކުގެ ސަބަބުންނެވެ. މިގޮތަށް ގަނޑުފެން ގިރުމުގެ ސަބަބުން ބިމުގެ އަޑިއަށް އަންނަ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ގްރީންލެންޑް ހޮރައިޒޮންޓަލީ ބޮޑުވެ، އަނެއްކާ ކުޑަވަމުންދެއެވެ. ބައެއް ހިސާބުތައް ދެމިގެން ބޮޑުވާއިރު، އަނެއް ބައި ހިސާބުތައް އެއްކޮށްލެވިގެން ކުޑަވެއެވެ.

ޑީ.ޓީ.ޔޫ ސްޕޭސްގެ ދިރާސާވެރިޔާ އަދި މައިގަނޑު މުޞައްނިފު ދާންޔަލް ލޮންގްފޯރސް ބާގް ވިދާޅުވީ، ޖުމްލަގޮތެއްގައި ގްރީންލެންޑް ކުޑަވަމުންދާ ކަމަށާއި، ނަމަވެސް މިހާރު ފެންނަ ހަލުވި ގިރުންތަކުގެ ސަބަބުން މުސްތަޤުބަލުގައި މިކަން ބަދަލުވެދާނެ ކަމަށެވެ. ގްރީންލެންޑް ވަށައިގެންވާ 58 ޖީ.އެން.އެސް.އެސް (GNSS) ސްޓޭޝަންތަކުން ނެގި މިންގަނޑުތަކަށް ބިނާކޮށް ހެދި މި ދިރާސާގައި ވަނީ، ފާއިތުވެދިޔަ ދެ ދިހައަހަރުގެ ތެރޭގައި މުޅި ރަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް 2 ސެންޓިމީޓަރު އިރުއުތުރަށް ދަތުރުކޮށްފައިވާކަން ހާމަވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ގްރީންލެންޑްގައި ގިރިފައިވާ ގަނޑުފެނުގެ މިންވަރު ގިނަވުމަކީ ބިމުގެ އަޑީގެ ޕްރެޝަރު ކުޑަވާން ދިމާވާ މައިގަނޑު ސަބަބެއް ކަމަށް ދިރާސާވެރިން ބުނެއެވެ. 2024 ވަނަ އަހަރު، ގާތްގަނޑަކަށް ތިން މިލިއަން އަހަރު ކުރިން އުފެދުނު ގްރީންލެންޑްގެ ގަނޑުފެން ފަށަލަ (ގްރީންލެންޑް އައިސް ޝީޓް) ގެ 55 + 35 ގިގާޓަން ބަރުދަން ގެއްލިފައިވެއެވެ. މިއީ 2013 ވަނަ އަހަރުން ފެށިގެން އެންމެ ކުޑަ ނިސްބަތަކަށް އަހަރީގޮތުން ގަނޑުފެނުން ކުރިމަތިވި ގެއްލުން ކަމުގައި ވިޔަސް، މިއީ ވިދިވިދިގެން 28 ވަނަ އަހަރު ގްރީންލެންޑް އުފައްދާ ގަނޑުފެނަށްވުރެ ގިރޭ ގަނޑުފެން ގިނަވި އަހަރެވެ.

ގްރީންލެންޑް އައިސް ޝީޓް އަކީ ދުނިޔޭގެ އެންމެ ބޮޑު މީރުފެނުގެ ރިސޯސްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މި ފަށަލައިގައި ދުނިޔޭގެ ކަނޑުގެ ލެވެލް 7.4 މީޓަރު މަތިކުރެވޭ ވަރަށް ފެން އެކުލެވޭ ކަމަށް ކަނޑައެޅިފައިވެއެވެ. ކޯޕަންހޭގަންގެ ރިޕޯޓުތަކަށް ބަލާއިރު، ކަނޑުގެ ލެވެލް ކޮންމެ ސެންޓިމީޓަރެއް މަތިވުމަކީ، ދުނިޔޭގެ ވަށައިގެން ގާތްގަނޑަކަށް 6 މިލިއަން މީހުންނަށް އައްސޭރިފަށުގެ ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމެކެވެ.

ނަމަވެސް، މި ބަދަލުތަކަށް ދުނިޔޭގެ ފާއިތުވެދިޔަ ތާރީޚީ ކަންތައްތަކުގެ އަސަރުވެސް ކުރުވައެވެ. ގާތްގަނޑަކަށް 20،000 އަހަރު ކުރިން، އެންމެ ފަހުގެ އައިސް އޭޖްގެ އެންމެ މަތީ ދަރަޖައަށް ގަނޑުފެން ހުރި ދުވަސްވަރުން ފެށިގެން ގިރިފައިވާ ގަނޑުފެނުގެ މިންވަރު ބިމުގެ އަޑިއަށް އަސަރުކުރެއެވެ. ބާގް ވިދާޅުވީ، "ފާއިތުވި ދިހަވަރުތަކުގައި ގިރިފައިވާ ގަނޑުފެނުގެ ސަބަބުން ގްރީންލެންޑް ބޭރަށް ފުޅާވެ، އެ ސަރަޙައްދު ބޮޑުވެފައިވޭ.  އެއާއެކު، އައިސް އޭޖްގެ ނިމުމާއި ގުޅިގެން ގަނޑުފެނުގެ މިންވަރަށް އައި ތާރީޚީ ބަދަލުތަކުގެ ސަބަބުން ގްރީންލެންޑް މައްޗަށް އަރައި، އަނެއްކާ ކުޑަވަމުންދާ ކަންވެސް ފެނޭ."

މި ދިރާސާއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތަބީއީ ނިޒާމަށް އަންނަ މުހިންމު ބަދަލުތައް ހާމަކޮށްދޭ ދިރާސާއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން