ޚަބަރު
ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހަލާކުވެފައިވާ 700 އަށް ވުރެ ގިނަ އުޅަނދު އެބަހުރި: ފުލުހުން

ބައެއް އުޅަނދު/ފޮޓޯ: ފުލުހުން
ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހަލާކުވެފައިވާ 700 އަށް ވުރެ ގިނަ އުޅަނދު އެބަހުރިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވަނީ، ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މަޢުލޫމާތު އެއްކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން، މިހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ހިންގި މި މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަ ދުވަސް ވެފައިފާ 716 އުޅަނދު ދެނެގަނެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ކާރާއި، ސައިކަލާއި، ޕިކަޕް އަދި ވޭންއެވެ. މި އުޅަނދުތަކުގެ މަޢުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ މިހާރު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މަސައްކަތަކީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.