ޚަބަރު
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ތަކުރާރުކޮށް އިލްތިމާސްކޮށްފި

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ/ފޮޓޯ: އެޓޯލް ޓައިމްސް
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ތަކުރާރުކޮށް އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއު ގުޅިގެން ކަނޑުމަތީގައި ވެސް ހިތާމަވެރި ހާދިސާތައް ހިނގަމުންދިޔުމާ ގުޅިގެންނެވެ.
އެގޮތުން، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. ހަމަ އެހެންމެ، ދަތުރުކުރައްވާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވެސް ވަނީ އެދިލައްވާފައެވެ.
މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. އަދި ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އިލްތިމާސްކުރެއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ، ވައިބާރު، ވިއްސާރަ ދުވަސްވަރެއްކަމުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުތައް ވެސް ނެރިފައެވެ.