ފަރުދުން

އަމިއްލަ ނަފްސު ތަރައްޤީ ކުރުމާއި ތަމްރީނު ދިނުމުގެ ދާއިރާއިން މަރީ ކުރަމުން އަންނަ މަސައްކަތް

އަމިއްލަ ނަފްސު ތަރައްޤީ ކުރުމާއި ތަމްރީނު ދިނުމުގެ ދާއިރާއިން މަރީ ކުރަމުން އަންނަ މަސައްކަތް

މަރިޔަމް މުޙައްމަދު (މަރީ).

farudhun logo

ފަރުދުން

17 އޮކްޓޯބަރު 2025، 09:52

17 އޮކްޓޯބަރު 2025، 09:52

މަރިޔަމް މުޙައްމަދު (ޢާންމު ނަމުން ނަމަ މަރީ) އަކީ އަމިއްލަ ނަފްސު ތަރައްޤީ ކުރުމާއި (ޕަރސަނަލް ޑިވެލޮޕްމެންޓް) ތަމްރީނު ދިނުމުގެ (ކޯޗިންގ) ދާއިރާއިން ރާއްޖޭގައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ފަރުދެކެވެ. "މަރިޔަމް މުޙައްމަދު" ބްރޭންޑްގެ ވެރި ފަރާތަށް ވުމާއެކު، މަރީ އަންނަނީ މި ބްރޭންޑްގެ ދަށުން ދެ ބިޒްނެސްއެއް ހިންގަމުންނެވެ. އެއީ "ޕަރސަނަލް ޑިވެލޮޕްމެންޓް ޓްރެއިނިންގ އިންސްޓިޓިއުޓް" އަދި "ކޯޗިންގ ސްޓޫޑިއޯ" އެވެ.

މަރީގެ ދެ ބިޒްނެސްގެ މަސައްކަތަކީ ކޮބައި؟

"ފަރުދުން" ނޫހަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި މަރީ ކިޔައިދިން ގޮތުގައި، "ޕަރސަނަލް ޑިވެލޮޕްމެންޓް ޓްރެއިނިންގ އިންސްޓިޓިއުޓް"ގެ މަސައްކަތަކީ، އޮފީސްތަކަށް ތަމްރީނު (ޓްރެއިނިންގ) ދިނުމާއި، ހިތްވަރުދެނިވި ތަޤްރީރު (މޯޓިވޭޝަނަލް ސްޕީޗް) ދިނުމެވެ. މި ކަން ކުރުމަށްޓަކައި، ތަޖުރިބާކާރު މުދައްރިބުން (ޓްރެއިނަރޒް) ހިމެނޭ ޚާއްޞަ ޓީމެއް މަސައްކަތް ކުރާ ކަމަށް މަރީ ކިޔައިދިނެވެ.

މީގެ އިތުރުން، މަރީގެ ދެވަނަ ބިޒްނެސް ކަމުގައިވާ "ކޯޗިންގ ސްޓޫޑިއޯ"އިން ކުރާ މަސައްކަތަކީ، އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކަށް، ކުރިމަތިވާ އެކިއެކި ކަންކަމުގައި މަގު ދައްކައިދީ، ތަމްރީނު ދިނުމެވެ. މި އަމާޒު ޙާޞިލު ކުރުމަށް، އިންޓަރނޭޝަނަލް ކޯޗިންގ ފެޑެރޭޝަން (އައި.ސީ.އެފް.)އިން ސަނަދު ލިބިފައި ތިބި، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެވިފައިވާ ޚާއްޞަ ކޯޗުން މަސައްކަތް ކުރަމުންދާ ކަމަށް މަރީ "ފަރުދުން"ނަށް މަޢުލޫމާތު ދިނެވެ.  

މަރީއަށް މި ދާއިރާއާ މެދު އިލްހާމް ލިބުނީ ކިހިނެއް؟

މަރީއަށް ޕަރސަނަލް ޑިވެލޮޕްމެންޓް އަދި ކޯޗިންގ ދާއިރާއަށް ނުކުތުމަށް އިލްހާމް (އިންސްޕިރޭޝަން) ލިބުނު ގޮތް ޙިއްޞާ ކުރަމުން މަރީ ބުނީ، އޭނާއަށް އެ އިލްހާމް ލިބުނީ ފޭލިވުމަކަށް ފަހުގައި ކަމަށެވެ. މި ގޮތުން، ނުވަ އަހަރަށް ފަހު ކޯޕަރޭޓް ދުނިޔެއަށް ނުކުންނާން ވެގެން، ޑިގްރީ ފުރިހަމަ ކުރާން މަރީ ޤަޞްދު ކުރިއެވެ. މަރީ އޭގެ ކުރީން ހުރީ ޔުނިވަރސިޓީން ޑްރޮޕް އައުޓް ވެގެން ކަމަށް މަރީ ކިޔައިދިނެވެ. ނަމަވެސް، ޑިގްރީ ސަނަދު ޙާޞިލު ކުރުމަށް ފަހު ވަޡީފާތަކަށް ކުރިމަތިލުމުން، ހުރިހައި ވަޡީފާއަކުން ވެސް މަރީއަށް ނޫނެކޭ ބުނީ ކަމަށް މަރީ ބުންޏެވެ.

އޭރު ދެން ވަރަށް ދެރަ ވެސް ވި، ނޫނެކޭ ޖަވާބު ލިބުނީމަ. އެކަމު އަޅުގަނޑު ބޭނުންވީ އަޅުގަނޑަކީ ކާކު ކަން، އަޅުގަނޑުގެ ހުނަރުތަކަކީ ކޮބައި ކަން ބަލައިލަން.

މަރީ ޙިއްޞާ ކުރިއެވެ.

2019ވަނަ އަހަރު ފައުޅުވި ކޯވިޑް-19 ޢާލަމީ ވަބާގެ ދުވަސްވަރު، އަމިއްލަ ނަފްސު ދެނެގަތުމަށް ކުރި މަސައްކަތުގެ ތެރެއިން، ދުނިޔޭގެ ނަން މަޝްހޫރު މުދައްރިބުންނާއި ކޯޗުންނާ ބައްދަލު ވެގެން ދިޔަ ކަމަށް މަރީ ކިޔައިދިނެވެ. މި ބޭފުޅުންގެ ތެރޭގައި، ޓޯނީ ރޮބިންސް، ޖެކް ހޭންޑްފީލްޑް، ޑީން ގްރެޒިއޯސީ، ޖިމް ކްވިކް އަދި ލީސާ ނިކޯލްސް ހިމެނެއެވެ. މި ގޮތުން، އަމިއްލަ ނަފްސު ބާރުވެރި ކުރުމާއި، އަނެކުންނަށް އެހީ ވުމުގައި މި ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތުން އިލްހާމް ލިބި، ރާއްޖޭގައި ވެސް އެ ފަދަ މަސައްކަތެއް ފެށުމަށް ޚިޔާލަށް އައީ ކަމަށް މަރީ ބުންޏެވެ. 

ކުރިމަތިވި ގޮންޖެހުންތައް

މި ދާއިރާގައި މަރީ ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވި ގޮންޖެހުންތަކާ މެދު ސުވާލު ވެވުމުން މަރީ ބުނީ، އޭނާގެ މަސައްކަތުގެ ކުރީކޮޅު ބައެއް ކަހަލަ ބޭއަދަބީ މެސެޖުތައް ފިރިހެނުންގެ ފަރާތުން ލިބެމުން އައި ކަމަށެވެ. ނަމަވެސް އެ ފަދަ މެސެޖުތަކަށް މަރީ އެއްވެސް ފަރުވާލެއް ނުދޭ ކަމަށް އޭނާ ކިޔައިދިނެވެ.

މީގެ އިތުރުން މަރީ ފާހަގަ ކުރީ، ދިވެއްސަކަށް ވީތީ ވެސް މި ދާއިރާގައި ބައެއް ދަތިތައް ކުރިމަތިވާ ކަމަށެވެ. މި ގޮތުން، މަރީގެ ބިޒްނެސް އަކީ ބޭރުގެ ކުންފުންޏަކަށް ނުވަތަ ބައިނަލްއަޤްވާމީ މުއައްސަސާއަކަށް ނުވާތީ، ބައެއް ރިޒޯޓުތަަކާއި ބޮޑެތި ކުންފުނިތަކުން މަރީއަށް ފުރުޞަތު ދިނުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް، މިހާރު މި ގޮންޖެހުން ކުރިއަށް ވުރެ ކުޑަ ކަމަށް މަރީގެ ޖަވާބުގައި ކިޔައިދިނެވެ.



މަސައްކަތުގައި ފާހަގަ ކޮށްލެވޭ ކާމިޔާބީ

މަރީގެ މަސައްކަތުގައި ޙާޞިލުކޮށްފައިވާ ފާހަގަ ކޮށްލެވޭ ކާމިޔާބީތަކަށް ޖެހިލާއިރު، ފުރާވަރު ޢުމުރުގެ ގިނަ ކުދިބަޔަކަށް މަރީގެ ބިޒްނެސްގެ ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ގޮތުން، ޢުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދީންގެ ތެރެއިން، އެތައް އަހަރުތަކަކަށް އަމިއްލަ ހަށިގަނޑަށް ގެއްލުން ދެމުން އައި އެތައް ކުދިބަޔަކު މި ކަމުން ސަލާމަތް ކުރެވިފައި ވެއެވެ. އަދި މަރީމެން އެހީވެދިން ކުދީންގެ ތެރެއިން، އެތައް ކުއްޖަކު ވަނީ އޯ-ލެވެލް އިމްތިޙާނުތަކުގައި ޤައުމީ ގަދަ 10ގައި ހިމެނިފައެވެ. މީގެ އިތުރުން، ކުރީން ސްކޫލުގައި ފޭލިވަމުން އައި އެތައް ކުއްޖަކު ފާސްވާން ވަނީ ފަށާފައެވެ. މީގެ ތެރޭގައި، އެ ކުދީންގެ ބެލެނިވެރީން އެ ކުދީންގެ ތަޢުލީމީ ކުރިއެރުމާ މެދު މުޅީން އުންމީދު ކަނޑާލާފައި ތިބި ކުދީން ހިމެނޭ ކަމަށް މަރީ ކިޔައިދިނެވެ.

ކުޑަކުދީންގެ އިތުރުން، މަރީމެންގެ މަސައްކަތުން، ބޮޑެތި މީހުންނަށް ވެސް ލާބަ ކުރަމުން ދެއެވެ. މި ގޮތުން، އެކިއެކި އުނދަގޫތަކުގެ ސަބަބުން ގެއިން ނުކުންނާން ޖެހިލުންވެފައި ނުވަތަ ބިރުގެންފައި ތިބި އެތައް ބަޔަކު އެ ބިރުން ސަލާމަތްވެ، މަރީމެން ފޯރުކޮށްދޭ އެހީތެރިކަމާ އެކު ބޭރަށް ވަނީ ނުކުމެފައެވެ.

އަޅުގަނޑު ޤަބޫލުކުރަނީ މިއީ އަމިއްލަ ފަރުދުންނަށްޓަކައި އަޅުގަނޑަށް ކޮށްދެވުނު ވަރަށް މުހިންމު ކަމެއް ކަމަށް.

މަރީ ބުންޏެވެ.

ހަމަ އެހެންމެ، ތަމްރީނު ދޭ ސެޝަންތަކުގެ ޛަރީޢާއިން ވެސް މަރީ ވަނީ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ގޮތުން، "ޓްރާންސްފޯމެޓިވް ޓްރެއިނިންގ"ގެ ދަށުން އޮފީސްތަކުގެ މާޙައުލު ބަލައި، އެ މާޙައުލުގައި ހުރި ޘަޤާފަތުގެ ނުރަނގަޅު ކަންތައްތައް ބަދަލުކުރުމަށް މަރީ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ފަދަ ސެޝަންތަކާ މެދު ގިނަ ބަޔަކު ރަނގަޅު ކޮމެންޓްތައް ކުރާ ކަން މަރީގެ ވާހަކައިގައި ފާހަގަ ކުރިއެވެ.

އަމިއްލަ ނަފްސު ބިނާކުރުމުގައި ކުރުން މުހިންމު ކަންތައްތައް

އަމިއްލަ ނަފްސު ބިނާކޮށް، އުފެއްދުންތެރިކަން (ޕްރޮޑަކްޓިވިޓީ) އިތުރު ކުރުމަށް މަރީ ވަނީ ތިޔަ ކިޔުންތެރީންނަށް ޚާއްޞަ އިރުޝާދުތަކެއް ޙިއްޞާ ކޮށްފައެވެ. 

  1. އަރާ އިރާ އެކީ ދުވަސް ފެށުން- ލަސްވެގެން ފަތިހު 5:00ގައި ހޭލައި، ފަތިސް ނަމާދުން ދުވަސް ފެށުމުގެ މުހިންމުކަން މަރީ ވަނީ ފާހަގަކޮށްފައެވެ. އަވަހަށް ހޭލުމަކީ އުފެއްދުންތެރިކަން އިތުރުވުމަށް މަގު ފަހި ކޮށްދޭ ކަމަކަށް ވުމާ އެކު، ނަމާދުތަކަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
  2. ހޭލުންތެރިކަން އިތުރު ކުރުން- ތިމާ ކުރިއަށް ދާން އެދޭ ދާއިރާއެއްގެ ފޮތްތައް ކިޔައި، އެ ދާއިރާއަކާ ބެހޭ މަޢުލޫމާތުތައް އެއްކުރުމަކީ ވަރަށް މުހިންމު ޢާދައެއް ކަމުގައި މަރީ ކިޔައިދިނެވެ.
  3. އިދިކީލި ކަންކަމަށް ސަމާލުކަން ނުދިނުން- އިދިކީލި (ނެގަޓިވް) ޚަބަރުތަކާއި ކަންކަމަށް ސަމާލުކަން ނުދީ، ވިސްނުން ފައްސި ކުރާން މަސައްކަތް ކުރުމަށް މަރީ ވަނީ ނަޞޭޙަތް ދީފައެވެ. މިއީ އަމިއްލަ ނަފްސު ބާރުވެރި ކުރުމުގެ ވަރަށް މުހިންމު އަސާސެކެވެ.

މި ކަންކަމުގެ އިތުރުން، މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެންނާން ބޭނުންވާ ފަރާތްތަކަށް މަރީ ވަނީ ޚާއްޞަ މެސެޖެއް ޙިއްޞާކޮށްފައެވެ:

މުޖުތަމަޢުގަ ބަދަލެއް ގެންނަން މަސައްކަތް ކުރައްވާ... ޚާއްޞަކޮށް ޒުވާނުންނަށް... އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ: މީހުން ބުނާ އެއްޗަކަށް ނުބަލައި، ތިމާމީހާ ކުރާ ކަންތަކަށް ބޮޑަށް ސަމާލުކަން ދޭށޭ. ދެން ހިތްވަރާ އެކު ކުރިއަށް ދާށޭ. ޢަޒުމު އެލުވައި ނުލާށޭ. މީހުން ދައްކާ ވާހަކައަށް މާބޮޑަށް ސަމާލުކަން ނުދީ، ކުރިއަށް ދިޔުމަށް އަބަދު ވެސް ވިސްނާށޭ. 

ކޯޗިންގ ދާއިރާގެ އަދާއި މާދަމާ

ޓްރެއިނިންގ ދާއިރާއަކީ ރާއްޖޭގައި ކޮންމެވެސް ވަރަކަށް އޮތް ދާއިރާއެއް ކަމުގައި ވިޔަސް، ކޯޗިންގ ދާއިރާއަކީ ރާއްޖެއަށް ވަރަށް އައު ދާއިރާއެއް ކަމަށް މަރީ ބުނެއެވެ. ވުމާ އެކު، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެވިފައިވާ ކޯޗުން ރާއްޖޭގައި ފުދޭ ވަރަކަށް މަދެވެ.

މީގެ އިތުރުން، ކޯޗިންގ ދާއިރާއާ މެދު ގިނަ ބަޔަކަށް ކުށް ހީތަކެއް ވަނީ ކުރެވިފައެވެ. މި ގޮތުން، ކޯޗިންގއަކީ ކައުންސެލިންގ ކަމަށް ބައެއް މީހުންނަށް ހީވިޔަސް، ކޯޗިންގ އަކީ ކައުންސެލިންގއާ މުޅީން ތަފާތު ޚިދުމަތެއް ކަމަށް މަރީ ވަނީ ކިޔައިދީފައެވެ. މި ގޮތުން، ކައުންސެލިންގއާ ޚިލާފަށް، ކޯޗިންގގައި ޚިދުމަތް ލިބިގަންނަ ފަރާތަށް ކުރިމަތިވާ ކަންކަމުގެ ސީދާ ޙައްލު ކިޔައެއް ނުދޭނެއެވެ. އެހެނަސް ކޯޗިންގގައި ކުރާ ކަމަކީ، ތިމާ އަމިއްލައަށް މައްސަލައިގެ ޙައްލާ ހަމައަށް ވާޞިލުވުމަށް އެހީވެދިނުން ކަމަށް މަރީ މަޢުލޫމާތު ދިނެވެ.

މަރީގެ ޚިދުމަތް ލިބިގަންނާނީ ކިހިނެއް؟

މަރީގެ ޚިދުމަތް ލިބިގަތުމަށް އެދޭ ފަރާތެއް ވާ ނަމަ، އިޖުތިމާޢީ ވިޔުގަތަކުގައިވާ މަރީގެ ޞަފްޙާތައް މެދުވެރިކޮށް މަރީއަށް މެސެޖު ކުރެވޭނެއެވެ. މި ގޮތުން، ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ލިންކްޑް-އިން ފަދަ ވިޔުގަތަކުގައި "މަރިޔަމް މުޙައްމަދް" ޖަހައިލީމާ މަރީގެ ޞަފްޙާ ހޯދާލެވޭނެއެވެ. މެސެޖް ކުރުމުގެ އިތުރުން، ގްރޫޕް ސެޝަންތައް ބޭނުން ނަމަ، މަރީގެ މެއިލް ([email protected])އަށް ރަސްމީ ސިޓީއެއް ފޮނުވޭނެއެވެ.

އަދި ހަމަ އެހެންމެ، މަރީގެ ފޯނު ނަންބަރު (7811511) މެދުވެރިކޮށް ވެސް މަރީއާ ގުޅާލެވިދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން