ޚަބަރު
ލުބުނާނުގެ އުތުރުގައި ކަނޑުގެ ރެއިޑެއްގައި ކަނޑުދަތުރުވެރިއަކު ވަގަށްނަގައިިފ
ލުބުނާނުގެ އުތުރުގައި ކަނޑު
ލުބުނާނުގެ އުތުރުގައި ހިންގުނު ކަނޑުގެ ރެއިޑެއްގައި ކަނޑުދަތުރުވެރިއަކު ވަގަށްނަގައިފިއެވެ. މި ހާދިސާއާ ގުޅިގެން ލުބުނާނުގެ އިސްވެރިން ވަނީ ތަޙުޤީޤެއް ފަށައިފައެވެ. އަދި މި ހަމަލާގައި އިސްރާއީލުގެ އަތްއޮތްތޯ ބަލަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
ހުކުރު ދުވަހުގެ ފަތިހު ބަޓްރޫން ސަރަހައްދުގައި ، އިމާދު އަމްހާޒް ކިޔާ މީހަކު ވަގަށްނަގައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގެ ސީސީޓީވީ ފުޓޭޖްތަކެއް ލުބުނާނުގެ ނޫސްވެރިން ވަނީ އޮންލައިންކޮށް ހިއްސާކޮށްފައެވެ. މި ފުޓޭޖްތަކުގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު މީހަކު ގޮވައިގެން ދާތަން ފެނެއެވެ. އެ މީހާގެ ބޮލުގައި ގަމީހެއް އަޅުވާފައިވާ ކަމަށް ވެސް ބުނެއެވެ.
މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި 25 އަށްވުރެ ގިނަ ހަތިޔާރުއެޅި މީހުން ބޭރުތުން ބަޓްރޫނަށް އެރިއެވެ. ބަޓްރޫނަކީ ބޭރުތުގެ އުތުރުން 50 ކިލޯމީޓަރު (31 މޭލު) ދުރުގައި އޮންނަ ރަށެކެވެ. އެ މީހުން ވަނީ މީހަކު ވަގަށްނަގައި އަނބުރާ އެމީހުންގެ އުޅަނދުފަހަރަށް އަރައި އެ ސަރަހައްދުން ފުރައިގެން ގޮސްފައެވެ.
ލުބުނާނުގެ ސަރުކާރުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނެފައިވަނީ "ނޭނގޭ ސިފައިންގެ ބާރަކުން" ހުކުރު ދުވަހުގެ ފަތިހު ބަޓްރޫންގެ އައްސޭރިފަށުގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އެންއެންއޭ އިން އިތުރަށް ބުނެފައިވަނީ "އެމީހުންގެ ހުރިހާ ހަތިޔާރާއި އާލާތްތަކާއެކު ގޮނޑުދޮށާ ކައިރި ޗެލޭއަކަށް ގޮސް، ލުބުނާނުގެ މީހަކު ވަގަށްނަގައި، ބާރު ސްޕީޑު ބޯޓެއްގައި ފުރައިގެން ދިޔަ" ކަމަށެވެ.
މި ރެއިޑަކީ "މިހާތަނަށް ދުވަހަކު ވެސް ނުފެންނަ ފަދަ" ރެއިޑެއް ކަމަށް އަލްޖަޒީރާގެ ރިޕޯޓަރު އިމްރާން ޚާން ބުނެފައިވެއެވެ. "މިއީ ލުބުނާނުގެ އުތުރު. މިއީ އިސްރާއީލުގެ ސިފައިން އުޅޭ ދެކުނުގެ ސަރަހައްދުތަކެއް ނޫން. މިއީ މިހާތަނަށް ދުވަހަކު ވެސް ނުފެންނަ ފަދަ ރެއިޑެއް،" އޭނާ ބުނިއެވެ.