ދީން

ނަމާދަކީ އެންމެ ފުރަތަމަ ފަރުޟު ކުރެވުނު އަޅުކަން އަދި ރަސޫލާ ޞ.ޢ.ވ ގެ އެންމެ ފަހުގެ ވަޞިއްޔަތް

ނަމާދަކީ އެންމެ ފުރަތަމަ ފަރުޟު ކުރެވުނު އަޅުކަން އަދި ރަސޫލާ ޞ.ޢ.ވ ގެ އެންމެ ފަހުގެ ވަޞިއްޔަތް

ނަމާދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޮކްޓޯބަރު 2025، 03:28

17 އޮކްޓޯބަރު 2025، 03:28

ނަމާދަކީ އެންމެ ފުރަތަމަ ފަރުޞު ކުރެވުނު އަޅުކަން ކަމަށާއި އަދި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އެންމެ ފަހުގެ ވަޞިއްޔަތް ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ. 

“ނަމާދަށް ފަރުވާތެރިވުން” މި މައުޟޫއަށް އިއްވި ހުކުރު ޚުޠުބާގައި ބުނެފައިވަނީ  الله سُبْحَانَهُ وَتَعَالَى އިސްލާމްދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި މުސްލިމުންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދުކަމަށާއި އެއަޅުކަމަކީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޖަކަސް ފަޤީރަކަސް، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކަސް ބަލިމީހަކަސް، ރަށުގައި ޤާއިމުވެގެން ހުރި މީހަކަސް ދަތުރުވެރިޔަކަސް، އަމާންކަމުގެ ހާލަތުގައި ވެސް އަދި ބިރުވެރިކަމުގެ ހާލަތުގައި ވެސް ދޫކޮށްނުލެވޭ ފަރުޟެއްކަމަށެވެ.

މީގއިތުރުން ނަމާދަކީ ރަސޫލުބޭކަލުންގެ ސާހިބާ މުޙައްމަދު ގެ ލޯފުޅުގެ ފިނިކަންކަމުގައި ވީ ފަދައިން މުއުމިނުންގެ ވެސް ލޮލުގެ ފިނިކަން ކަމަށާއި ނަމާދަކީ ތަޤުވާވެރީންގެ މިޢުރާޖުކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުން ކަމަށާއި އެއީ ދީނުގެ ތަނބުކަމަށެވެ. އަދި ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ހަމައެހެންމެ ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޞަހާބީން، ނަމާދު ދޫކޮށްލުން ފިޔަވައި އެހެން އަޅުކަމެއް ދޫކޮށްލައިގެން މީހަކު ކާފިރުވާނޭކަމަކަށް ވިދާޅެއްނުވާ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. 

الله سُبْحَانَهُ وَتَعَالَى ނަމާދު ފަރުޟުކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެ ނަމާދު ފަރުޟުކުރެވުނީ އެންމެ މަތިވެރި ޝަރަފުވެރި މަޤާމަށް އެންމެ މަތިވެރި ސާހިބާ ގެންދެވުމަށް ފަހުގައި ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އެއީ މަލާއިކަތުންނަށް ވެސް ކުއްތަންނުވެވޭހައި ހިސާބެއް ކަމަށާއި އެއީ ހަތް އުޑުގެ ވެސް މަތި ކަމަށާއި، އަދި ނަމާދި ފަރުޟު ކުރެވުނީ އަރުޝިކޮޅާ އަރިސްކުރެއްވުމަށް ފަހު، އެއްވެސް މެދުވެރިޔަކު ނެތި، އެކަލޭގެފާނަށް ސީދާ ބަސްވަޙީކުރައްވައިގެން ކަމަށެވެ.

ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު އަޅުކަމަށްވެފައި، އެއީ، ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް އުންމަތަށް ކުރެއްވި އެންމެފަހު ވަޞިއްޔަތްޕުޅު ވެސް މެ، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ހޭފުޅުނެތިފައި ހޭފުޅުއަރާ ކޮންމެ ފަހަރަކު ޙަދީޘްކުރައްވަނީ މީސްތަކުން ނަމާދުކޮށްފިހެއްޔޭ، ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފެންއަޅާށެ، ކޮންމެ ފަހަރަކު ފެންއަޅުއްވައިގެން އެކަލޭގެފާނު ނަމާދުކުރެއްވުމަށް ތެދުވެވަޑައިގަންނަވާ ތަނުން ހޭފުޅުނެތޭ، އެކަލޭގެފާނު ސުވަރުގެވަޑައިގަތް ދާންމަތިކޮޅުގައި އޮންނަވައި އުންމަތަށް އެންމެފަހުން ކުރެއްވި ވަޞިއްޔަތަކީ ‏(اَلصَّلَاةَ! اَلصَّلَاةَ! اِتَّقُوا اللهَ فِيْمَا مَلَكَتْ أَيـْمَانُكُمْ‏) މާނައީ: "ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާ ފަރާތްތަކާ މެދު ﷲއަށް ބިރުވެތިވާށެވެ!"

ހުކުރު ޚުޠުބާ

الله سُبْحَانَهُ وَتَعَالَى ވަނީ ނަމާދު ޤާއިމުކޮށް އެ ނަމާދުތަކަށް ރައްކާތެރިވުމަށް އަހަރެމެންނަށް އަމުރުކުރައްވައިފައި ކަމަށާއި ހަމަ އެ ފަދައިން އަހަރެމެންގެ ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވެސް ވަނީ އެ ކަމަށް ބާރުއަޅުއްވައިފައިވާ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.

ނަމާދުއަޅާ މީހުންނަށް الله سُبْحَانَهُ وَتَعَالَى ވަނީ ވަޢީދުގެ ބަސްފުޅު ވަޙީކުރައްވައިފައި ވާކަމަށާއި، ޝަރުޢީ އެއްވެސް އުޛުރެއްނެތި ނަމާދު އޭގެ ވަގުތުން ފަސްކުރުމަކީ ނަމާދުއެޅުމުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ނަމާދު ފަސްކުރަމުން ފަސްކުރަމުން ގޮސް، އެންމެ ފަހުން ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އެ ބައިމީހުންނަށް އެ ނަމާދެއް ނުކުރެވޭ ކަމަށާއި މިއީ އެ ކަމަކާ މެދު ނުހަނު ސަމާލުކަންދީ ރައްކައުތެރިވާންޖެހޭނޭ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ނަމާދަކީ ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ބަޔާންކުރައްވައިފައިވާ އަޅުކަން ކަމަށާއި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނޭ އަޅުކަމަކީ ވެސް ނަމާދުކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

 “ކޮންމެ ހުކުރު ދުވަހެއްގައި މިންބަރުމަތީ ހުރެ އިމާމު މީހާ މުޅި އުންމަތަށް ވެސް ގޮވައިލަނީ ނަމާދުތަކަށް ރައްކާތެރިވުމަށް، ނަމާދުތަކަށް ފަރުވާތެރިވުމަށް، މިސްކިތްތަކުން ކޮންމެ ދުވަހަކު ފަސް ފަހަރު ބަންގީގައި ގޮވައިލެވެނީ ކާމިޔާބު ހޯދުމަށާއި ނަމާދަށް އަވަސްވެގަތުމަށް، ފަހެ الله سُبْحَانَهُ وَتَعَالَىގެ މި ނިދާއަށް އިޖާބަދީ ފަލާޙާއި ކާމިޔާބުގެ އަހުލުވެރިޔަކަށްވާން މަސައްކަތްކުރާށެ” ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން