ދީން

" ސަބްރު " ގެ މާނަ ހަމައެކަނި ކެތްތެރިކަމަށްވުރެން މާފުން!

" ސަބްރު " ގެ މާނަ ހަމައެކަނި ކެތްތެރިކަމަށްވުރެން މާފުން!

ކެތްތެރިކަމާއި އެކު މަހެއް ބޭނޭތޯ މަސައްކަތްކުރަމުންދާ މީހެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 އޮކްޓޯބަރު 2025، 04:10

17 އޮކްޓޯބަރު 2025، 04:10

މުސްލިމުންގެ ދުނިޔޭގައި "ސަބްރު" މި ލަފުޒު އާންމުކޮށް ގުޅިފައިވަނީ "ކެތްތެރިކަން" މި މަފްހޫމާއެވެ. އެހެންނަމަވެސް، ޢަރަބި ބަހުގަ، ސަބްރު، އިޙްސާން، ތަޤްވާ ފަދަ ގިނަ ޢަރަބި ބަސްތަކުގެ މާނަ ބަޔާންކުރުމަށް އިނގިރޭސި ބަހުގައި އެކަށީގެންވާ އެންމެ ބަހެއް ނުފުދެއެވެ. މިއީ މި ބަސްތަކުގައި އެކުލެވިގެންވާ މާނައިގެ ފުޅާކަމާއި ފުންކަމުގެ ސަބަބުންނެވެ. ސަބްރުގެ ވާހަކަ ދައްކާއިރު، އޭގެ މާނައަކީ ހަމައެކަނި ކެތްތެރިކަމަށްވުރެ މާ ފުޅާ އަދި ފުން މަފްހޫމެކެވެ.

މުސްލިމުންގެ ހައިސިއްޔަތުން، ދިރިއުޅުމުގައި ސަބްރުގެ ސިފަ ދެއްކުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ރަނގަޅަށް އެނގެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ 99 އިސްމުފުޅުގެ ތެރޭގައި ހިމެނޭ (އައް-ޞަބޫރު) މި އިސްމުފުޅުގެ އިތުރުން، އެކަލާނގެ ވަނީ މުއުމިނުންނަށް މި މަތިވެރި ސިފަ ޙާޞިލުކުރުމަށް އަމުރުކުރައްވާފައެވެ. މިކަން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުން ސާފުކޮށް ބަޔާންވެގެންވެއެވެ:

 يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.

 (ސޫރަތުލް އަލްބަޤަރާ: 153)


އިނގިރޭސި ބަހުގައި ޕޭޝަންސް "patience" މި ބަސް އާންމުކޮށް ދޭހަކޮށްދެނީ ނަފްސާނީ ގޮތުން ދެމިހުރުމުގެ މާނައެވެ. އެބަހީ، ދަތި އުނދަގޫ ޙާލަތެއް ނުވަތަ އިމްތިޙާނެއް ކުރިމަތިވުމުން އެކަމާ ކުރިމަތިލުމެވެ. ބައެއް މީހުން މި ބަސް މާނަކުރަނީ، ޙާލަތު ރަނގަޅުވުމަށް އެދި ދުޢާކުރަމުން،  މަޑުކުރުމުގެ މާނައިގައެވެ. ނަމަވެސް މިއީ އިސްލާމީ ނަޒަރަކުން ބަލާއިރު ފުރިހަމަ ސަބްރެއް ނޫނެވެ. ޙަޤީޤީ ސަބްރަކީ (ތަވައްކަލު ފަދައިން) އަމަލީ އަދި މާތް ސިފައެކެވެ.

ސަބްރުގެ ލަފްޒީ މާނައަކީ ހިފެހެއްޓުން ނުވަތަ ހުއްޓުވުމެވެ. އަދި އެ ބަސް ބޭނުންކުރެވޭ ގޮތްތަކުން، އޭގެ އަސްލު މާނައަކީ ދެމިހުރުން ނުވަތަ ސާބިތުކަމެވެ. މި ގޮތުން، އިސްލާމީ ޢިލްމުވެރިން ސަބްރު މާނަކުރައްވާފައިވާ އެއް ގޮތަކީ، ޙާލަތްތަކަށް ބެލުމެއްނެތި ސާބިތުކަމާއެކު ދެމިހުރުމެވެ.


ސަބްރުގެ މަފްހޫމަށް ފުންކޮށް ވިސްނާއިރު، ގިނަ ޢިލްމުވެރިން ވަނީ ސަބްރު ތިން ބައިކަށް ބައްސަވާލައްވާފައެވެ:

ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންގަތުމުގައި ކެތްތެރިވުން (صبر على الطاعة):

މި ބާވަތުގެ ކެތްތެރިކަމުގެ މަފްހޫމަކީ، ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ކަންތައްތަކަށް ފުރިހަމައަށް ތަބާވުމެވެ. އެއީ އެކަންކަން ކުރުމުގައި ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސްމެއެވެ. މިސާލެއްގެ ގޮތުން، ކީރިތި ޤުރުއާނުގެ ސޫރަތުލް އާލްޢިމްރާން 134 ވަނަ އާޔަތުގައި، ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންގެ ރުޅި މައިތިރިކުރުމަށް އަމުރުކުރައްވާފައެވެ. ރުޅިވެރިކަމަކީ އިންސާނީ ފިޠުރަތުގައި އެކުލެވޭ އިޙްސާސެއް ކަމުގައިވީ ނަމަވެސް، އަދި އަޅުގަނޑުމެންނަށް ރުޅި ކޮންޓްރޯލްކުރުމަށް ދަތިވާ ޙާލަތްތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ރުޅި އައުމުން އެ ރުޅި ހިފެހެއްޓުމަށް ކުރެވޭ މަސައްކަތަކީ ކެތްތެރިކަމުގެ ޢަމަލީ ސިފައެކެވެ.

 الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ
އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.


ޙަރާމް ކަންކަމުން ދުރުހެލިވުމުގައި ކެތްތެރިވުން (صبر عن المعصية):

މިއަދުގެ މުޖުތަމަޢުގައި ޢާންމުކޮށް ޤަބޫލުކުރެވޭ ބައެއް ކަންތައްތައް، ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވާ ކަންކަމާއި، ނުވަތަ ރަސޫލުﷲ ﷺ ނަސޭހަތްތެރިވެވަޑައިގެންފައިވާ ކަންތައްތަކާ ފުށުއަރައެވެ. މިސާލަކަށް، ހަޑިހުތުރު ބަސްމަގު ބޭނުންކުރުމަކީ މިޒަމާނުގެ ޘަޤާފަތުގައި އާދައިގެ ކަމަކަށް ވެފައިވީ ނަމަވެސް، މިފަދަ ބަސްތައް ބޭނުންކުރުމުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން ރަސޫލުﷲ ﷺ ވަނީ ގިނަގުނަ ޞައްޙަ ޙަދީޘްތަކުގައި އިންޒާރު ދެއްވާފައެވެ. އަދި ކީރިތި ޤުރުއާނުގެ ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތުގައި ﷲ ތަޢާލާ ވެސް ވަނީ މިފަދަ ބަސްތައް ބޭނުންކުރުން ޙަރާމްކުރައްވާފައެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާން ވުމަށްފަހު ފާސިޤު ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.


މި ބާވަތުގެ ކެތްތެރިކަމުގެ މަފްހޫމަކީ، މުޖުތަމަޢު ނުވަތަ ދުނިޔެ ބުނާ ކަންކަމަށްވުރެ ﷲ ތަޢާލާގެ އަމުރުފުޅުތަކަށާއި ރަސޫލުﷲ ﷺ ގެ ނަސޭހަތްތަކަށް އިސްކަންދިނުމެވެ. އެހެން ގޮތަކަށް ބަޔާންކުރާނަމަ، މިތާނގައި ކެތްތެރިކަމުގެ މާނައަކީ، މުޖުތަމަޢުގެ އާދަކާދަތަކާއި ޢާންމު ގޮތްތަކަށްވުރެ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ތަބާވުމާއި، މި މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުރުމަށް ކުރެވޭ ނުހަނު މަތިވެރި ޖިހާދެވެ.

މުޞީބާތްތަކުގައި ކެތްތެރިވުން (ޞަބުރު ޢަލަލް އިބްތިލާ):

އިންސާނީ ދިރިއުޅުމުގައި މުޞީބާތްތަކާ ކުރިމަތިލުމަކީ އެކަށީގެންވާ ކަމެކެވެ. މި މުޞީބާތްތައް އަންނަނީ އެކި ގޮތްގޮތުންނެވެ. އޭގެ ތެރޭގައި މާލީ ދަތިކަން، ޞިއްޙީ މައްސަލަތައް، ޢާއިލީ ގޮންޖެހުންތައް އަދި އަމިއްލަ ނަފްސާ ގުޅުންހުރި ދަތިތައް ހިމެނެއެވެ. މިފަދަ ޙާލަތްތަކުގައި ކެތްތެރިވުމުގެ މާނައަކީ، އީމާންކަން ދެމެހެއްޓުމާއެކު، ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސާބިތުކަމާއެކު ދެމިހުރުމެވެ.

މި ބާވަތުގެ ކެތްތެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ މިސާލަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާގައި ހޭދަކުރެއްވި ފުރަތަމަ 13 އަހަރުގެ ތެރޭގައި އިސްލާމްދީނަށް ދަޢުވަތު ދެއްވުމުގައި ދެއްކެވި ނަމޫނާއެވެ. މި މުއްދަތުގައި އެކަލޭގެފާނަށް ކުރިމަތިވި އެތައް ގޮންޖެހުމަކާއި، އަނިޔާއަކާއި، އިމްތިޙާނަކާ ކުރިމަތިލައްވަން ޖެހުނެވެ. ނަމަވެސް، މި ހުރިހާ ޙާލަތެއްގައިވެސް އެކަލޭގެފާނު އެކަލޭގެފާނުގެ މަސައްކަތްޕުޅުތަކާއި، އަޅުކަންތަކާއި، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އޮތް އުންމީދާއި، މާތް ސިފަފުޅުތަކުގައި ސާބިތުވެ ވަޑައިގެން ހުންނެވިއެވެ. އެކަލޭގެފާނަކީ އިންސާނިއްޔަތުގެ އެންމެ މާތް ނަމޫނާ ކަމުގައިވީ ހިނދު، އެކަލޭގެފާނުގެ އީމާންކަމުގެ ދަރަޖައަށް އެހެން އެއްވެސް މީހަކަށް ނުފޯރޭނެއެވެ. އެހެންނަމަވެސް، އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކެތްތެރިކަން ގެންގުޅެންވީ ގޮތުގެ މަގު ދައްކައިދެއެވެ.

އެކަލޭގެފާނުގެ ނަމޫނާއިން އަޅުގަނޑުމެންނަށް ދަސްވާ ތިން މުހިންމު ސިފައެއް ވެއެވެ. އެއީ:

ޝަކުވާ ނުކުރުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: "ޙަޤީޤީ ކެތްތެރިކަމަކީ މުޞީބާތް ފުރަތަމަ ދިމާވާ ވަގުތުގައި ދައްކާ ކެތްތެރިކަމެވެ." (ޞަޙީޙުލް ބުޚާރީ) މީގެ މާނައަކީ، މުޞީބާތެއް ދިމާވުމުން އަޅުގަނޑުމެންގެ ފުރަތަމަ ރައްދަކީ އަޅުގަނޑުމެންގެ ޙަޤީޤީ އީމާންކަން ހާމަކޮށްދޭ ކަމެކެވެ. ދަތި ޙާލަތެއް ދިމާވުމުން ނުވަތަ އޭގެ ޚަބަރު ލިބުމުން، އަޅުގަނޑުމެންގެ ދުލުން ފުރަތަމަ ބޭރުވާ ބަހަކީ ކުފުރުގެ ބަހެއް ނުވަތަ ޝަކުވާއެއްތޯ، ނުވަތަ "އަލްޙަމްދުލިއްލާހް" ކަމީ ﷲއަށް އަޅުގަނޑުމެން ކުރާ އީމާންކަން ހާމަކޮށްދޭ ކަމެކެވެ. ޝަކުވާކުރުމަކީ ޝައިޠާނާއަށް ފުރުޞަތު ދިނުމެވެ.

މަސައްކަތް ހުއްޓާނުލުން: ކެތްތެރިކަން ދައްކުވައިދެނީ އަޅުގަނޑުމެންގެ މަސައްކަތުންނެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ:

لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّهِ ۗ إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُ ۚ وَمَا لَهُم مِّن دُونِهِ مِن وَالٍ
އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ މަލާއިކަތުން ވެއެވެ. ﷲގެ އަމުރުފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ. ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތް އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، ﷲ، އެ ޙާލަތް ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، ﷲ، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ. (ސޫރަތުއް އައްރަޢްދު: 11) 

މި އާޔަތުން އަންގަވައިދެނީ، ނަތީޖާ އަބަދުވެސް ﷲގެ ބާރުފުޅުގައި ވީނަމަވެސް، އަޅުގަނޑުމެން އަމިއްލައަށް މަސައްކަތްކުރުމުގެ މުހިންމުކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މުޞީބާތްތަކާއި ގޮންޖެހުންތަކާ ކުރިމަތިވީނަމަވެސް، އަދި އެކަލޭގެފާނުގެ މަސައްކަތްޕުޅުތަކުން ފޮނި ނަތީޖާއެއް ނުފެނުނު ނަމަވެސް، އިސްލާމްދީނުގެ މެސެޖު މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވިއެވެ.


ﷲއަށް ތަވައްކުލުކުރުން: މުޞީބާތްތަކާ ކުރިމަތިލާއިރު، އަޅުގަނޑުމެން އެންމެ މުހިންމު ގޮތެއްގައި ދަސްކުރަންޖެހެނީ ﷲއަށް ތަވައްކުލުކުރުމެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ:

 إِذْ يَقُولُ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ غَرَّ هَٰؤُلَاءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى اللَّهِ فَإِنَّ اللَّهَ عَزِيزٌ حَكِيمٌ
މުނާފިޤުންނާއި، އެއުރެންގެ ހިތްތަކުގައި (ކުފުރުގެ) ބަލިމަޑުކަމެއްވާ މީހުން ބުނިހިނދު ހަނދުމަކުރާށެވެ! މިބައިމީހުންގެ (އެބަހީ: މުސްލިމުންގެ) ދީން އެއުރެން ހެއްލުންތެރިކޮށްފިއެވެ. އަދި ﷲއަށް ވަކީލު ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ. (ސޫރަތުލް އަލްއަންފާލް : 49) 

ތަވައްކުލުކުރުމުގެ މާނައަކީ އަޅުގަނޑުމެންގެ މަސައްކަތް ހުއްޓާލުމެއް ނޫނެވެ. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށްފަހު، ނަތީޖާ ﷲއަށް ޙަވާލުކުރުމެވެ.

ސަބްރުގެ ސަވާބު

ދިރިއުޅުމުގައި ސަބްރު ދައްކާ މީހުންނަށް ލިބޭ އެތައް ސަވާބުތަކެއް ޛިކުރުކުރެވިފައިވެއެވެ. ވާހަކަ ކުރުކޮށްލުމުގެ ގޮތުން، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އެއް ސަވާބު ބަޔާންކޮށްލަމާ ހިނގާށެވެ:

وَكَأَيِّن مِّن نَّبِيٍّ قَاتَلَ مَعَهُ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا لِمَا أَصَابَهُمْ فِي سَبِيلِ اللَّهِ وَمَا ضَعُفُوا وَمَا اسْتَكَانُوا ۗ وَاللَّهُ يُحِبُّ الصَّابِرِينَ
އެ ނަބިއްޔުންގެ އަރިހުގައި ގިނަވެގެންވާ ޖަމާޢަތްތައް ހަނގުރާމަކުޅައީ ކިތައްކިތައް ނަބިއްޔުންހޭ؟ ފަހެ، ﷲގެ މަގުގައި އެއުރެންނަށް ޖެހުނު ކަންތަކަށް އެއުރެން ފިނޑިއެއްނުވިއެވެ. އަދި، އެއުރެން ނިކަމެއްޗެއްވެސް ނުވިއެވެ. އަދި، (ދުޝްމަނުންގެ ކުރިމަތީގައި) އެއުރެން ބަލިކަށްޓެއްވެސް ނުވިއެވެ. ކެތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ. (ކީރިތި ޤުރުއާން، ސޫރަތުލް ޢިމްރާން: 146)

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުވެވޮޑިގެންވާ އެހެނިހެން ޘަވާބުތަކާ ޚިލާފަށް، އެކަލާނގެ ލޯބިފުޅު ވަކި ޢަދަދަކުން ބަޔާންކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް، މަޝްހޫރު ޙަދީޘް ޤުދުސީއެއްގައި، ﷲ ތަޢާލާ އަޅުތަކުންނަށް ލޯބިވެވޮޑިގަތުމުން ލިބޭނެ ބަރަކާތްތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަފްޞީލުކޮށްދެއްވާފައިވެއެވެ:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ: "ތިމަން އަޅަކަށް ލޯބިވެވޮޑިގަތުމުން، އެ އަޅާގެ އަޑުއިވުމުގައި ތިމަންރަސްކަލާނގެ ވާނެއެވެ. އަދި އެ އަޅާގެ ފެނުމުގައި ތިމަންރަސްކަލާނގެ ވާނެއެވެ. އަދި އެ އަޅާގެ އަތުގެ ބާރުގައި ތިމަންރަސްކަލާނގެ ވާނެއެވެ. އަދި އެ އަޅާގެ ހިނގުމުގައި ތިމަންރަސްކަލާނގެ ވާނެއެވެ. އެ އަޅާ ތިމަންރަސްކަލާނގެ ޙަޟްރަތުން އެއްޗެއް އެދިއްޖެނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ އަޅާއަށް އެ އެއްޗެއް ދެއްވާހުށީމެވެ. އަދި އެ އަޅާ ތިމަންރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިއްޖެނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ އަޅާއަށް ރައްކާތެރިކަން ދެއްވާހުށީމެވެ." (ޞަޙީޙުލް ބުޚާރީ)

                    

                    

މި ލިޔުން ކިޔާލުމުން