ޚަބަރު
ލޭންޑިންގ ކްރާފްޓު ބަންޑުންޖަހާލި ޙާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދުމަށް ޑްރޯން ބޭނުންކުރަނީ

ޑްރޯން ބޭނުންކޮށްގެން ބަލާފައިވާ ސަރަޙައްދުތައް/ފޮޓޯ: އޭވިއޭޓަރސް
ލޭންޑިންގ ކްރާފްޓު ބަންޑުންޖަހާލި ޙާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދުމަށް އެމްއެންޑީއެފްގެ ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.
"އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓު ބަންޑުން ޖަހާލިއިރު އެ އުޅަނދު ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން އެރިޔަދޫ އަށެވެ. އަދި އޭރު އޭގައި 7 ފަޅުވެރިން ތިއްބެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ލޭންޑިންގ ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ތިންވަނަ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާ ކަމަށެވެ. އަދި ގެއްލިފައިވާ ތިންވަނަ މީހާއަކީ ބިދޭސީއެއް ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފްގެ 'ބައިރަކްޓަރ ޓީ.ބީ 2 ޑްރޯން' މެދުވެރިކޮށް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މި ޙާދިސާ ހިނގިއިރު، ލޭންޑިންގ ކްރާފްޓުގައި 7 ފަޅުވެރިން ތިބިއިރު އޭގެ ތެރެއިން 4 މީހުން އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށްފައެވެ. އަދި 3 މީހުން ގެއްލިގެން ހޯދަމުންދިޔައިރު، އޭގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ހޯދާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ފީނައިގެންނެވެ.
މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާއިރު، މިކަމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގުކުރަމުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.