ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މިޞްރަށް ފުރާވަޑައިގެންފި

ޚާރިޖީ ވަޒީރު/ފޮޓޯ: ވަން އޮންލައިން
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މިޞްރަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ، މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދުލްލަޠީގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް ކުރައްވާ ދަތުރުފުޅެކެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ދަތުރުފުޅުގައި މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދުލްލަޠީ އާއި ބައްދަލުކުރައްވައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެޤައުމުގެ ޒަމާންވީ އަޚްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މިޞްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީރު ޚަލީލުގެ މިދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އޮންނަވާކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ބައިނަލްއަޤްވާމީ މަންސަތަކުގައި ދެ ޤައުމުން ގުޅިގެން އަދާކުރަމުން އަންނަ ދައުރު އިތުރަށްފުޅާ ކުރުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި، ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.