Ads by Stelco

ޚަބަރު

މަސްވެރިކަމަށް ޒުވާނުންގެ ޝައުޤު އިތުރުކުރުމަށް ޚާއްޞަ ތަމްރީނެއް!

މަސްވެރިކަމަށް ޒުވާނުންގެ ޝައުޤު އިތުރުކުރުމަށް ޚާއްޞަ ތަމްރީނެއް!

މަސްވެރިކަން / ތަޞްވީރު: މަސްވެރިކަމާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

18 އޮކްޓޯބަރު 2025، 04:45

18 އޮކްޓޯބަރު 2025، 04:45

ޒުވާނުންގެ މެދުގައި މަސްވެރިކަމަށް އޮތް ޝައުޤު އިތުރުކޮށް، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރި ކުރުވުމަށް ހިންގާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ، ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ތެރެއިން ހިންގޭ ޕްރޮގްރާމެކެވެ. އަދި މިއީ ވަރލްޑު ބޭންކްގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރއިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ، ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފައްދައި، އެ ދާއިރާއާ ގުޅުން ހުރި މަސައްކަތްތަކަށް ޒުވާނުން ނެރުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު މަޤުޞަދެއް ކަމުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުޠުތައް:

* މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރާކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުން
* ޢުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުން
* މަސްވެރީންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުން

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ތަމްރީނު ޕްރޮގްރާމުގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން ޢަމަލީ ގޮތުން މަސްވެރިކަމުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ބައިވެރީންނަށް ފަހިކޮށްދޭނެ ކަމަށެވެ.

އެ ގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީ ގޮތުން މަސްވެރިކަމުގައި ޙަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު، ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މި ޕްރޮގްރާމުގެ ބައިވެރީންނަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި، ބައިވެރީންނަށް ދުވަހުގެ ޢިނާޔަތް ނުވަތަ ޑެއިލީ އެލަވަންސް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި ކަމާ ގުޅޭ ފޯމް ފުރިހަމަކުރުމަށް ފަހު، 23 އޮކްޓޫބަރު 2025ގެ ކުރީން، އީ-މެއިލް މެދުވެރިކޮށް ހުށައެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އެދެއެވެ. މި ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މަސްވެރިކަމަށް އަލަށް ނުކުންނާން ބޭނުންވާ 5 ޒުވާނަކަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން