ޚަބަރު
ފާނަ އާލާ ކުރުމުގެ ޕްރޮގްރާމް 15 ބައިވެރީންނާ އެކު ފަށައިފި

ފާނަ އާލާ ކުރުމުގެ ޕްރޮގްރާމް 15 ބައިވެރީންނާ އެކު ފަށައިފި!

ފަރުދުން
18 އޮކްޓޯބަރު 2025، 04:53
18 އޮކްޓޯބަރު 2025، 04:53
ފާނަ އާލާ ކުރުމުގެ މަސައްކަތަށް މީހުން ތަމްރީން ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމް" މިއަދު ކ. މަނިޔަފުށީގައި ފަށައިފިއެވެ.
"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމް" އަކީ ރާއްޖޭގައި ފަރުމަސް އާލާ ކުރުމުގެ ހުނަރު އުނގަންނައިދީ، މި ދާއިރާއިން މީހުން ބިނާ ކުރުމުގެ މަޤުޞަދުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި.)ގެ ފަރާތުން ހިންގާ ޕްރޮގްރާމެކެވެ. މިއީ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނޭ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް އެމް.އެމް.އާރް.އައި.އިން މި އަހަރު ފެށި މި ފަދަ 2ވަނަ ޕްރޮގްރާމެވެ.
15 މީހުންނާ އެކު އަދު މި ޕްރޮގްރާމް ފަށާފައިވާއިރު، މި މަހުގެ 30ވަނަ ދުވަހާ ހަމައަށް ޕްރޮގްރާމް ކުރިއަށް ދާނެއެވެ. ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރީން ކ. މަނިޔަފުށީގައި ތިބޭއިރު، ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ އިތުރުން ބައިވެރީންގެ ހުރުމާއި ކެއުމުގެ އިންތިޡާމް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާ ކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި، އެކުއަކަލްޗަރގެ ނިޡާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާ ކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމެވެ.
ބޭސިކް މެރިކަލްޗަރ ކޯހުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތައް:
• އެކުއަކަލްޗަރގެ ނިޡާމުތަށް
• ދިރޭ ކާނާ އާލާ ކުރުން
• މަހުގެ ބަޔޮލޮޖީ
• ފާނަ އާލާ ކުރުން
• ހުއިފިލަނޑާ އާލާ ކުރުން
• ދިވެހި މާގަނޑުމަސް އާލާ ކުރުން
• އިތާމުތް އާލާ ކުރުން
• މޫދުވިނަ ހަދައި އާލާކުރުން
• އާލާ ކުރާ ދިރުމަށް ޖެހޭ ބަލިތައް ދަނެގަތުމާއި ބަލިތަކުން ރައްކައުތެރި ކުރުން
• އެކުއަކަލްޗާރ ކުރާއިރު ތިމާވެށި ރައްކައުތެރިކުރުން
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަ ކުރި ގޮތުގައި، މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ތަރައްޤީވުމާ އެކު، ރަށްރަށާ ކައިރިން އާމްދަނީގެ ފުރުޞަތުތަކެއް ފަހިވެ، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅައުކޮށް ސިންދަފާތު ކުރެވިގެން ދާނެއެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން އަހަރަކު 2 ފަހަރު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. ކުރީން އަހަރު ބޭއްވި މި ޕްރޮގްރާމްގައި ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން 15 މީހުން ބައިވެރިވިއެވެ. އަދި އެ ޕްރޮގްރާމަށް ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބުމުގެ ސަބަބުން މީގެ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށް ވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
The Marine Hatchery Skills Development Program's 2nd Batch of 2025 officially commenced this morning, bringing together participants dedicated to advancing their skills in sustainable aquaculture practices.
— Ministry of Fisheries and Ocean Resources (@MFORmv) October 18, 2025
The training is conducted by the @MMRI_Maldives with support from the… pic.twitter.com/J2wWemPpry