ޚަބަރު
އެސްޓީއޯގެ ފިހާރައެއް ހުޅުމާލޭގައި ރޯދައިގެ ކުރިން ހުޅުވަނީ

އެސް.ޓީ.އޯ. ފިހާރައެއް ހުޅުމާލޭގައި ރޯދައިގެ ކުރިން ހުޅުވަނީ!

ފަރުދުން
18 އޮކްޓޯބަރު 2025، 06:22
18 އޮކްޓޯބަރު 2025، 06:22
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)އިން ގެންނަ ޟަރޫރީ މުދާ ވިއްކާނޭ ފިހާރައެއް އަންނަ ރަމަޟާން މަހުގެ ކުރީން ހުޅުމާލޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނައިން ބޭނުން ކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސް.ޓީ.އޯ.އިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމާ ގުޅިގެން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެސް.ޓީ.އޯ.ގެ ޢާންމު މުދާ ވިއްކާ ފިހާރައެއް ހުޅުމާލޭގައި ނުހުންނާތީ އެ ކަމުގެ ޝަކުވާ ޢާންމުން ދަނީ ކުރަމުންނެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.)އާ މަޝްވަރާ ކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، ދެވަނަ ފިޔަވަހީގައި ވެސް އެސް.ޓީ.އޯ. ފިހާރައެއް ހުޅުވުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝިމާދު ވިދާޅުވިއެވެ.
މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އެސް.ޓީ.އޯ.ގެ ފިހާރަތަކުން 23 ބާވަތެއްގެ މުދާ ހެޔޮ އަގުގައި އަންނަނީ ވިއްކަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ކާޑުގެ ބާވަތްތަކުގެ އިތުރުން، 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީ އާއި އެހެނިހެން ތިން ބާވަތެކެވެ.
މޭވާގެ ގޮތުގައި ގެންނަން ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ. ތަރުކާރީގެ ގޮތުގައި އެތެރެ ކުރާން ހަމަޖެހިފައިވަނީ ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދެވެ. މީގެ އިތުރުން، ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށި ފަދަ އެހެނިހެން ބާވަތްތައް ވެސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.