ކުޅިވަރު
އަންނަ އަހަރު އޮންނަ ވޯލްޑް ކަޕްގެ އެއް މިލިއަން ޓިކެޓު މިހާތަނަށް ވިކިއްޖެ
ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ---
އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އޮންނަ ވޯލްޑް ކަޕްގެ އެއް މިލިއަން ޓިކެޓު މިހާތަނަށް ވިކިފައިވާކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހާމަކޮށްފިއެވެ.
މި ޓިކެޓުތައް ވިއްކާފައިވަނީ "ވިސާ ޕްރީސޭލް ޑްރޯ"ގެ ތެރެއިންނެވެ. "ވިސާ ޕްރީސޭލް ޑްރޯ" އަކީ މުއްދަތު ހަމަނުވާ ސައްޙަ ވިސާ ޑެބިޓް ކާޑެއް، ކްރެޑިޓް ކާޑެއް ނުވަތަ ރީލޯޑު ކުރެވޭ ޕްރީޕޭޑު ކާޑު އޮންނަ ފަރާތްތަކަށް ޓިކެޓު ގަތުމަށް ފީފާއިން ހުޅުވާލި ފުރުސަތެކެވެ. މި ފުރުސަތު ހުޅުވާލީ މިދިޔަ ސެޕްޓެންބަރު މަހުގެ 10އިން 19އަށެވެ.
މިއީ ޓިކެޓު ވިއްކުމަށް ފީފާއިން ހުޅުވާލި ފުރަތަމަ ފުރުސަތެވެ.
ވޯލްޑް ކަޕްގެ ޖާގަ މިހާތަނަށް 28 ޓީމަކުން ކަށަވަރުކޮށްފައިވާއިރު، ޓިކެޓު ގަނެފައިވާ މީހުންގެ ތެރޭގައި ދުނިޔޭގެ 212 ޤައުމުގެ މީހުން ހިމެނެއެވެ. އަދި އެންމެ ގިނައިން ޓިކެޓު ގަނެފައިވަނީ މުބާރާތް ބާއްވާ ތިން ޤައުމުގެ މީހުންކަމަށް ފީފާއިން ވަނީ ހާމަކޮށްފައެވެ. ދެން އެންމެ ގިނައިން ޓިކެޓު ގަތީ އިންގްލެންޑު، ޖާރމަނީ، ބްރެޒިލް، ސްޕެއިން، ކޮލަމްބިއާ، އާޖެންޓީނާ އަދި ފްރާންސެވެ.
މިހާގިނަ އަދަދަކަށް ކުރު މުއްދަތެއްގެ ތެރޭގައި ޓިކެޓު ވިކުމާ ގުޅިގެން ފީފާގެ ރައީސް ވިދާޅުވީ، މިއީ މުބާރާތުގެ ފޯރި ގަދަވާނެ ކަމުގެ ހެއްކެއް ކަމަށާއި، އަދި މުޅި ދުނިޔެއިން މި މުބާރާތަށް ކުރާ އިންތިޒާރު މިކަމުން ހާމަވެގެންދިޔަ ކަމަށެވެ.
ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން ކުޅޭ މި މުބާރާތުގައި މި ފަހަރު 104 މެޗު ކުޅޭނެއެވެ. އެގޮތުން މުބާރާތް ބާއްވާ ތިން ޤައުމެއްގެ 16 ސްޓޭޑިއަމެއްގައި މެޗުތައް ކުޅެން ހަމަޖައްސާފައިވާއިރު ސަލާމަތީ ބައެއް ސަބަބުތަކާހުރެ އެމެރިކާގައި މުބާރާތް ކުޅޭ ބައެއް ސިޓީތައް ބަދަލު ކުރަން ޖެހިދާނެކަމުގެ އިޝާރާތެއް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފައެވެ.