ޚަބަރު
އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކްލްކޮށްގެން ރާއްޖޭގައި ވޯލްޑް ރެކޯޑެއް ހަދައިފި

ސްނޯކްލްކޮށްގެން ދުނިޔޭގެ ރެކޯޑު ހެދުމަށްފަހު ބައިވެރިން އަނބުރާ ވިލިނގިލިފަރަށް ދަނީ / ފޮޓޯ: ވިޒިޓް މޯލްޑިވްސް
އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކްލްކޮށްގެން ދިވެހިރާއްޖޭގައި ގިނަސް ވޯލްޑް ރެކޯޑެއް ހަދައިފިއެވެ.
"ބާނި" ނަމުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތް އޮތީ އިއްޔެ ބ. އަތޮޅުގައެވެ. އަދި މިއީ ބ. އަތޮޅު ކައުންސިލުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ގުޅިގެން ކުރިޔަށް ގެންދިޔަ ތާރީޙީ ހަރަކާތެކެވެ.
މި ހަރަކާތުގައި ޖުމްލަ 623 ފަރާތަކުން ބައިވެރިވިއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި މޫދާ އޮތް ގުޅުން ހާމަކޮށްދީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް މޫދުގެ މުހިންމުކަން ހާމަކޮށްދިން ހަރަކާތެއްކަން، މި ހަރަކާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތްކަމުގައިވާ ވިޒިޓް މޯލްޑިވްސްއިން ހާމަކުރެއެވެ.
މި ހަރަކާތުގައި 13 ރަށަކުންނާއި 15 ރިޒޯޓެއްގެ ބައިވެރިން ހިމެނެއެވެ. މީގެތެރޭގައި ބިދޭސީންނާއި، ރިޒޯޓުތަކުގެ މުވައްޒަފުންނާއި، ފަތުރުވެރިންނާއި، އާންމު ފަރާތްތައް ވެސް ހިމެނެއެވެ.
މި ހަރަކާތް ފެށުނީ އިއްޔެ ހަވީރު 4:30ގައެވެ. އަދި މި ރެކޯޑު ހެދުމަށް ބައިވެރިން ސްނޯކްލްކޮށްފައި ވަނީ އޭދަފުށި ކައިރީގައި އޮންނަ ވިލިނގިލިފަރު ފިނޮޅުގެ ލެގޫންގައެވެ. އަދި މި ހަރަކާތް ފުރިހަމަ ކުރުމަށް ހުރިހާ ބައިވެރިން ވެސް އެންމެ މަދުވެގެން 90 ސިކުންތު ސްނޯކްލްކުރިއެވެ.
ހަރަކާތް ނިމުމާއެކު ގިނަސް ވޯލްޑް ރެކޯޑްސްއިން ވަނީ ބ. އަތޮޅު ކައުންސިލަށް މިކަމުގެ ހަނދާނީ ސެޓުފިކެޓު އަރުވާފައެވެ.
މީގެ އިތުރުން، މި ހަރަކާތް ވިޒިޓް މޯލްޑިވްސް ބުކް އޮފް ރެކޯޑްސްއަށް އެރުވުމަށްފަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝިއުރީ ވަނީ ބ. އަތޮޅު ކައުންސިލަށް ހަނދާނީ ކޮއިން ހަދިޔާކޮށްފައެވެ.