ކުޅިވަރު

ބަދަލުކުޅުންތެރިޔާ އަރައުހޯ އިތުރު ވަގުތު ކާމިޔާބު ކުރި ގޯލާއެކު ބާސާއަށް މުހިންމު މޮޅެއް

ބަދަލުކުޅުންތެރިޔާ އަރައުހޯ އިތުރު ވަގުތު ކާމިޔާބު ކުރި ގޯލާއެކު ބާސާއަށް މުހިންމު މޮޅެއް

މޮޅުވި ގޯލު ކާމިޔާބުކުރުމަށްފަހު އަރައުހޯ އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 އޮކްޓޯބަރު 2025، 08:41

19 އޮކްޓޯބަރު 2025، 08:41

ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރޮނާލްޑް އަރައުހޯ ކާމިޔާބު ކުރި ގޯލާއެކު ބާސެލޯނާއިން ލީގުގައި މުހިންމު ތިން ޕޮއިންޓު ހޯދައިފިއެވެ.

ބާސެލޯނާގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ބަލަމުން އަންނަ އެސްޓޭޑިއޯ އޮލިންޕިކޯ ލުއި ކޮމްޕެނީޒްގައި 43،000 ކުޅިބެލުންތެރިންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޒުރޯނާގެ މައްޗަށް ކުރި ހޯދީ 2-1އިންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޕެޑްރީ ކާމިޔާބުކުރި ގޯލަކުން ބާސެލޯނާ ލީޑު ނެގިއެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ޔަމާލް ޕާސްކުރި ބޯޅަ ހިފައިގެން ގޯލުގެ ހުރަހަށް ވާތްފަރާތައް ދިއުމަށްފަހު، ޑިފެންޑަރުންގެ ތެރެއިން އޭނާ ފޮނުވާލި ބޯޅައެކެވެ.

ނަމަވެސް އޭގެ 7 މިނެޓު ފަހުން މެޗުގެ 20ވަނަ މިނެޓުގައި ޒުރޯނާގެ އެކްޒެލް ވިޓްސެލް ކާމިޔާބުކުރި ގޯލަކުން ނަތީޖާ ހަމަހަމަވިއެވެ. ވިޓްސެލް ބައިސްކަލް ކިކަކުން ކާމިޔާބުކުރި މި ގޯލަކީ، ޒިރޯނާއިން ނެގި ކޯނަރެއް ސާފުކޮށްލުމަށް ބާސެލޯނާގެ ކުޅުންތެރިއަކު ބޮލުން ޖައްސާލި ބޯޅަ، ޕެނަލްޓީ އޭރިއާގެ ރޮނގުމަތީގައި ހުރި އިސްކޮޅުން ދިގު އާރނައު މާޓިނޭޒް އަނެއްކާ ވެސް ޕެނަލްޓީ އޭރިއާ ތެރެއަށް ޖައްސާލުމުން، ވިޓްސެލް ފޮނުވާލި ހަމަލާއެކެވެ. އެ ބޯޅަ ގޯލު ކުރިމަތީގައި ފެނުޖެހުމުން، ބާސެލޯނާގެ ގޯލު ބަލަހައްޓަމުން ދިޔަ ވޮޒްނެކް ޝެޒްނީއަށް މި ހަމަލާ ހުއްޓުވޭނެ ގޮތެއް ނުވިއެވެ.

ނަމަވެސް އޭގެ ދެ މިނެޓުފަހުން ޒެރޯނާއިން އުފެއްދި ނުރައްކާތެރި ހަމަލާއެއް ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގައި ބާސެލޯނާއިން ވެސްވަނީ ޒެރޯނާގެ ގޯލަށް ނުރައްކާތެރި އިތުރު ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް މާކަސް ރަޝްފޯޑު ފޮނުވާލިއިރު، އެ ހަމަލާގެ ހުރަހަކަށްވީ ގޯލުގެ ހުރަސް ދަނޑިއެވެ. 

މީގެ އިތުރުން ދެވަނަ ހާފުގައި ބާސެލޯނާގެ ކުބާސީ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް، ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން ފައުލްކުރިކަމަށް ބަލައި، ރެފްރީ ވަނީ ގޯލު ނުގުނަން ނިންމާފައެވެ. 

އެއަށްފަހު ބާސެލޯނާއިން މެޗުގެ 3 ޕޮއިންޓު ކަށަވަރުކުރީ، މާރކް ކަސާޑޯގެ ބަދަލުގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް 8 މިނެޓަށްވެފައި ވަނިކޮށް ކުޅެން ނިކުތް އަރައުހޯގެ ގޯލުންނެވެ. އިތުރު ވަގުތު އަރައުހޯ ކާމިޔާބުކުރި މި ގޯލަކީ، ބާސެލޯނާގެ ކޯޗު، ހެންސީ ފްލިކަށް ރަތް ކާޑު ދެއްކުމަށްފަހު ދަނޑުން ފޮނުވާލިތާ ކުޑަ ވަގުތުކޮޅެއް ފަހުން ކާމިޔާބުކުރި ގޯލެކެވެ. 

ހެންސީ ފްލިކަށް މި ދެއްކި ރަތްކާޑާ ގުޅިގެން، މިއަންނަ ހަފްތާގައި ކުޅޭ އެލްކްލެސިކޯ މެޗުގައި އޭނާއަށް ބާސެލޯނާގެ ބެންޗުގައި ނުހުރެވޭނެއެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ މިވަގުތު އޮތީ އެއް ޕޮއިންޓުގެ ލީޑަކާއެކު ލީގުގެ އެއްވަނައިގައެވެ. ނަމަވެސް މިރޭ ރެއާލް މެޑްރިޑުން ގެޓާފޭގެ މައްޗަށް ކުރި ހޯދައިފިނަމަ، އެ ޓީމު ލީގުގެ އެއްވަނައަށްއަރާނެއެވެ. 

އޭގެ ފަހުން އެލްކްލެސިކޯގައި ރެއާލް ބަލިކޮށްފިނަމަ، ބާސެލޯނާއަށް ލީގުގެ އެއްވަނައަށް އެރޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން