ޚަބަރު
ރާއްޖެއާއި މިޞްރާ ދެމެދު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފި
 
                    މަޝްވަރާ ބައްދަލުވުން/ފޮޓޯ: ޚާރިޖީ ވުޒާރާ
ދިވެހިރާއްޖެއާއި މިޞްރާ ދެމެދު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ، ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް މިހާރު މިޞްރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ، މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދުރު ޢަބްދުލްލަޠީ އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މިޞްރާއި ދެމެދު އޮތް ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިންސާނީ ވަޞީލަތް ބިނާކުރުމަށް މިޞްރު ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ވަކީން ޚާއްޞަކޮށް މިޞްރުގެ އަލް-އަޒްހަރު ޔުނިވާރސިޓީން ފޯރުކޮށްދެއްވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެޤައުމުގެ ގުޅުން އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރުމަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމަ އެހެންމެ، ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއަރުވާ، ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ މަޝްރަހުގައި އަދި ވަކީން ޚާއްޞަކޮށް ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިޞްރުން އަދާކުރެއްވި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާޢީދުކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިޞްރުގައި ބޭއްވި ޣައްޒާގެ ޞުލްޙައާ ގުޅޭ ސަމިޓު، އަދި އެޔަށްފަހު ސޮއި ކުރެވުނު ޞުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމުގައި މިޞްރުން އަދާކުރި ދައުރަށް މަރުޙަބާ ދަންނަވާ، މި އެއްބަސްވުމަކީ ދާއިމީ ހަމަޖެހުމެއް ގެނެސްދީ ފަލަސްޠީނުގެ ރައްޔިތުން އެތައް އަހަރުތަކެއް ވަންދެން ކެނޑިނޭޅި ތަޙައްމަލު ކުރަމުންދިޔަ ވޭނަށް ކުޑަމިންވަރެއްގެ ލުޔެއް ލިބުނު ކަމެއްކަމަށާއި، އަދި ދެމެހެއްޓެނިވި ޞުލްޙައާއި ހަމަޖެހުން ގެނެސްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ފައިދާކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް 56 އަހަރު ވީ ބަދަހިގުޅުން ރަމްޒުކޮށްދޭ، އަދި މި ގުޅުން ދަމަހައްޓަން ދެ ޤައުމުން ވެސް ދެއްވާ އަހައްމިޔަތު ހާމަވެގެންދިޔަ މުހިންމު ބައްދަލުވުމެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި، ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.
 
                 
                             
                                         
                 
                 
                                             
                                            