Ads by Stelco

ޚަބަރު

ތޮއްޑޫ އަދި ކަމަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 2 މީހަކު ހައްޔަރުކޮށްފި

ތޮއްޑޫ އަދި ކަމަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން: ފޮޓޯ/ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޮކްޓޯބަރު 2025، 04:14

19 އޮކްޓޯބަރު 2025، 04:14

އއ. ތޮއްޑޫ އަދި ބ. ކަމަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން 2 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މަހުގެ 16 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަނުގެ ތެރެއިން ތޮއްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ / ގ. އެވަރޝައިން، އާދަމް އަޝްފާގް (41އ) ކަމަށެވެ. އެގޮތުން، އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އާދަމް އަޝްފާގް ހައްޔަރުކޮށްފައި ވަނީ ތޮއްޑޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރުމަށް ފަހު ކަމަށެވެ. އެގޮތުން، އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 70 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ކަމަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / ސަބްނަމްވިލާ، ފާއިޤު ސަޢީދު (34އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، ދަރަވަންދޫއިން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، ކަމަދޫ ބަނދަރުމަތިން ފާއިޤު ސަޢީދު ހުއްޓުވައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1.2 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން