ޚަބަރު
އައިޖީއެމްއެޗްގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންވާ މޭގެ ކެތީޓަރު ލެއްވުމުގެ ޚިދުމަތް ތަޢާރަފުކޮށްފި
 
                    އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އައިޖީއެމްއެޗް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންވާ މޭގެ ކެތީޓަރު ލެއްވުމުގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.
މި ޚިދުމަތް އައިޖީއެމްއެޗްގައި ފަށާފައިވާކަން އިޢުލާނުކޮށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވަނީ "އެކްސް" ގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
ހަލީމް ވިދާޅުވީ، އައިޖީއެމްއެޗްގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 18 މަސްދުވަސް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ. އަދި މި ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެއްކަން ފާހަގަކުރައްވާ ހަލީމް ވިދާޅުވީ، ފުރަތަމަ ފަހަރަށް އެ ހޮސްޕިޓަލުގައި ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންކުރާ މޭގެ ކެތީޓަރު ލެއްވުމުގެ ޚިދުމަތް ތަޢާރަފުކޮށްފައިވާ ކަމަށެވެ.
އެގޮތުން، މިހިނގާ އޮކްޓޯބަރު މަހުގެ ކުރީކޮޅު، ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް އެ ހޮސްޕިޓަލުގައި ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސަރޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ، އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޚާއްޞަ ދިވެހި ޑޮކްޓަރުންގެ ޓީމަކުން ކަމަށާއި، މި ޚިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް ހޮސްޕިޓަލުގައި މިހާރު ކުރިއަށްދާކަމަށް ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.
 
                 
                             
                                         
                 
                 
                                             
                                            