ޚަބަރު
މިދިޔަ މަހު ފުލުހުން ރިކަވަރކޮށްދިން މުދަލުގެ އަގު 7.6 މިލިއަން ރުފިޔާއަށް އަރާ

ފުލުހުން ޗެކްކުރުމަށް ސައިކަލެއް ހުއްޓުވަނީ / ފޮޓޯ: ފުލުހުން
މިދިޔަ މަހު މާލޭ ސަރަޙައްދުން ފުލުހުން ރިކަވަރކޮށްދިން މުދަލުގެ އަގު 7.6 މިލިއަން ރުފިޔާއަށް އަރާކަން އެ އިދާރާއިން ހާމަކުރި ތަފާސްހިސާބުން ހާމަވެއްޖެއެވެ.
މީސްމީޑިއާގައި ފުލުހުން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ނަގުދު ފައިސާގެ ގޮތުގައި ރިކަވަރ ކޮށްދިން 588،822.76ރ. (ފަސްލައްކަ އަށްޑިހަ އަށްހާސް އަށްސަތޭކަ ބާވީސް ރުފިޔާ ހަތްދިހަ ހަ ލާރި) ހިމެނޭހެން، މާލޭ ސަރަޙައްދުން ޖުމްލަ 7،697،565.76ރ. (ހަތް މިލިއަން ހަ ލައްކަ ނުވަދިހަ ހަތް ހާސް ފަސްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ހަތްދިހަ ހަ ލާރި)ގެ އަގުހުރި މުދާ ވަނީ ރިކަވަރކޮށްދީފައެވެ.
މީގެ ތެރޭގައި 109 ސައިކަލާއި 13 ފޯނު ވެސް ހިމެނެއެވެ.
މާލޭ ސަރަޙައްދުން ސެޕްޓެންބަރު މަހު ރިކަވާރކޮށްދިން ތަކެއްޗާއި އެ ތަކެއްޗަށް ފުލުހުން އަގުކޮށްފައިވާ މިންވަރު:
- 109 ސައިކަލު: 6،878،766ރ.
- 13 މޯބައިލް ފޯން: 154،562ރ.
- 8 އިލެކްޓްރޯނިކް އާލާތް: 32،300ރ.
- ނަގުދު ފައިސާގެ 20 މައްސަލައަކުން ޖުމްލަ 588،822.76ރ.
- އެހެނިހެން 39 މައްސަލައެއްގައި 43،115ރ. ގެ އަގުހުރު ތަކެތި
އެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވި ގޮތުގައި، މިދިޔަ މަހު ފްރަންޓް ލައިން އޮފިސަރުން 1،029 ގަޑިއިރު 55 މިނިޓު ވަންދެން މާލެތެރެ ޕެޓްރޯލްކުރުމުގައި ވެސް ހޭދަކޮށްފައި ވެއެވެ.
އަދި ޖުމްލަ 5،264 ސައިކަލު ހުއްޓުވައިގެން ސުވާލުކޮށްފައިވާއިރު، މީގެތެރޭގައި ކުށުގެ ރެކޯޑު އޮތް 488 މީހުން ހިމެނެއެވެ.
ހަމައެއާއެކު މިދިޔަ މަހު ވަނީ 27،464 ތަން މާލޭ ސަރަޙައްދުން ބަލާފާސްކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުން، މިއީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ފްރަންޓްލައިން ޕޮލިސިންގއިން ކޮށްފައިވާ މަސައްކަތްތަކެކެވެ.