ޚަބަރު
ތިން މިލިއަން ސިނގިރޭޓު ސްޓިކް ކަސްޓަމްސްއިން ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ނައްތާލަނީ / ފޮޓޯ: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަން ސިނގިރޭޓު ސްޓިކް ނައްތާލައިފިއެވެ.
އެ އިދާރާއިން މީސްމީޑިއާގައި ޙިއްސާކުރި މަޢުލޫމާތަށް ބަލާއިރު، މި ތަކެތި ނައްތާލާފައި ވަނީ ކ. ދޫނިދޫގައެވެ. އަދި މި ތަކެތި ނައްތާލިއިރު ކަސްޓަމްސްގެ އޮފިސަރުންނާއި، ބައެއް މީޑިއާތަކުން ދޫނިދޫގައި ހާޒިރުވެ ތިއްބެވެ.
އެ އިދާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިއީ ޤާނޫނާ ޚިލާފަށް ރާއްޖެ އެތެރެކުރުމަށް މަސައްކަތް ކުރަނިކޮށް ހިފަހައްޓާފައިވާ 199 ކޭސް ސިނގިރޭޓެވެ. އެގޮތުން ޖުމްލަ 3,183,040 (ތިން މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ސާޅީސް) ސިނގިރޭޓް ސްޓިކް ވަނީ މިއަދު ނައްތާލާފައެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފި.
— Maldives Customs Service (@CustomsMv) October 19, 2025
މިތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ.ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި. pic.twitter.com/SfVpjMD9Z4
ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް ގެނައުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މި އަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރި ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.
އެގޮތުން މިދިޔަ ހަފްތާގައި ވަނީ، ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވެސް ގެއްލިފައެވެ. މި މައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ އިސް އޮފިސަރަކާއި، ކަސްޓަމްސްގެ ސީނިއަރ މެނޭޖުމެންޓުގައި ކުރިން މަސައްކަތްކުރެއްވި ފަރާތެއް ވެސް ހިމެނެއެވެ. މި މައްސަލައިގައި ދެން ހިމެނެނީ ދެ ވިޔަފާރިވެރިންނެވެ.