ޚަބަރު
ދައުލަތުން ދެ މިލިއަން ޑޮލަރު ދޭންޖެހޭކަމަށް ޙުކުމް ކުރި މައްސަލައެއްގައި ފޯޖުކޮށްފައިވާ ލިޔެކިޔުން ހިމެނޭކަން ހާމަވެއްޖެ

މެޑިކަލް އިކުއިޕްމެންޓްތަކެއް ބޭނުންކުރަނީ---
ދައުލަތުން ދެ މިލިއަން ޑޮލަރު ދޭންޖެހޭކަމަށް ޙުކުމް ކުރި މައްސަލައެއްގައި ފޯޖުކޮށްފައިވާ ލިޔެކިޔުން ހިމެނޭކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފިއެވެ. އެ އޮފީހުން މިކަން ހާމަކޮށްފައި ވަނީ، ދައުލަތާ ދެކޮޅަށް ކޯޓުތަކުގައި ކުރިޔަށް ގެންގޮސްފައިވާ މައްސަލައަކާ ގުޅިގެން ކުރެވުނު ޚާއްޞަ އޮޑިޓަކަށް ފަހުއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ކުރިޔަށް ގެންދިޔަ މި އޮޑިޓަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ކުރިން ހިންގަމުން ގެންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާރވިސަސް (ޑީއެމްއެސް)އަށް 2008ވަނަ އަހަރުގެ ތެރޭގައި ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކުން ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމެންޓާއި ކޮންސިއުމެބަލްސްއަށް ފައިސާ ދައްކާފައިނުވާކަމަށް ބުނެ އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ދައުލަތުން ސެންޓަރ އެންޓަރޕްރައިޒަސްއަށް އެ ފައިސާ ނަގައިދޭންޖެހޭކަމަށް ކޯޓު މަރުހަލާގައި ޙުކުމްކުރުމާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޑިޓެކެވެ.
އެގޮތުން، 2006 ވަނަ އަހަރާއި 2010 ވަނަ އަހަރު ސެންޓަރ އެންޓަރޕްރައިޒަސްއިން ފޯރުކޮށްދިން ޚިދުމަތްތަކަށް ފައިސާ ހޯދުމަށް 2020 ވަނަ އަހަރުގެ ފަހުން 6 މައްސަލައެއް އެ ކުންފުނިން ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ސެންޓަރ އެންޓަރޕްރައިޒަސްއިން 2008ވަނަ އަހަރު ފޯރުކޮށްދިން ތަކެއްޗަށް 2،011،511 (ދެ މިލިއަން އެގާރަ ހާސް ފަސްސަތޭކަ އެގާރަ މިލިއަން އެމެރިކާ ޑޮލަރު) އަރާއިރު، އެ ފައިސާ ލިބިފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެ ފައިސާ ނުލިބުމުން ޖޫރިމަނާގެ ގޮތުގައި ޖުލްމަ 3،137،940 (ތިން މިލިއަން އެއް ސަތޭކަ ތިރީސް ހަތަ ހަށް ނުވަސެތޭކަ ސާޅީސް ލާރި) ޑޮލަރު ހޯދަމަށް ވެސް ކޯޓަށް ހުށަހެޅިއެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނީ 28 މާރިޗު 2023ގައެވެ. އަދި ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ވެސް ސެންޓަރ އެންޓަރޕްރައިޒަސްއާ އެއްކޮޅަށް މައްސަލަ ނިންމައި 11 ފެބުރުވަރީ 2025ގައި ވަނީ ޙުކުމް ކޮށްފައެވެ.
ނަމަވެސް، މި މައްސަލައާ ގުޅިގެން އޭޖީ އޮފީހުން ކުރިޔަށް ގެންދިޔަ އޮޑިޓުގައި، ސެންޓަރ އެންޓަރޕްރައިޒަސްއިން ހުށަހެޅި ލިޔެކިޔުންތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.
- ޑީއެމްއެސްގެ ފަރާތުން ސޮއިކޮށްފައި ހުރި "އައިޝަތު ޙަލީމް" ނަމަކަށް ކިޔާ މީހަކީ ދުވަހަކު ވެސް އެ އޮފީހުގައި މަސައްކަތްކުރި މީހަކަށް ނުވުން
- 2008ވަނަ އަހަރު ސަޕްލައިކުރިކަމަށް ބުނާ ތަކެތި ސަޕްލައިކުރުމަށް ވެފައިވާ އެއްބަސްވުމާއި، އެ ތަކެތި ސަޕްލައިކުރިކަމަށް ބުނާ ޑެލިވަރީ ނޯޓުގެ ތާރީޙާ ދެމެދު ސެންޓަރ އެންޓަރޕްރައިޒަސްއަށް އެތެރެކޮށްފައި ވަނީ ހަމައެކަނި 4 އައިޓަމްކަމަށް ހާމަވުން
- ރަށްރަށަށް ސަޕްލައިކުރި މެޑިކަލް އިކުއިޕްމެންޓުތަކާއި ކޮންސިއުމެބަލްސް ސަޕްލައިކުރިކަމުގެ ލިޔުމެއް ނެތުން
- ސެންޓަރ އެންޓަރޕްރައިޒަސްއަށް 2007ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ބޭންކް ގެރެންޓީ ދޫކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ލިޔުމުގައި، ބޭންކް ގެރެންޓީ ނަންބަރު ލިޔެފައިވާ ފޯމެޓު ރަނގަޅު ނޫންކަމަށް އެ ބޭންކުން ބުނުން
Special Audit of Center Enterprises Pvt Ltd's Financial Claim for Alleged Provision of Medical Equipment and Consumables to the Ministry of Health (DMS) in 2008https://t.co/kq2gtfr6I4 pic.twitter.com/0YjOpha9Od
— AGO (@AuditMV) October 19, 2025
މިކަންކަމަށް ބެލުމަށްފަހު މި މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ސެންޓަރ އެންޓަރޕްރައިޒަސްއިން ހުށަހެޅި ލިޔުންތަކަކީ ފޯޖުކޮށްގެން އުފައްދާފައިވާ ސައްޙަ ނޫން ލިޔެކިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވުމުން، މިއީ މަކަރާއި ހީލަތުން ދަޢުލަތުން ފައިސާ ހޯދުމަށް ހުށަހެޅި މައްސަލައެއް ކަމަށް ބެލެވޭކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކުރެއެވެ. އެހެންކަމުން އެ އޮފީހުން ލަފާދީފައި ވަނީ މައްސަލައިގެ ޖީނާޢީ ތަހުޤީޤެއް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށެވެ.