ކުޅިވަރު

ދިހަ އަހަރު ފަހުން ލިވަޕޫލް ދަނޑުގައި ޔުނައިޓެޑު މޮޅުވެއްޖެ

ދިހަ އަހަރު ފަހުން ލިވަޕޫލް ދަނޑުގައި ޔުނައިޓެޑު މޮޅުވެއްޖެ

މެންޗެސްޓަރ ޔުނައިޓެޑު ހެރީ މެގުއޭ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 އޮކްޓޯބަރު 2025، 07:21

20 އޮކްޓޯބަރު 2025، 07:21

ދިހަ އަހަރު ފަހުން ލިވަޕޫލް ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެއްޖެއެވެ.

އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުން 2-1ގެ ނަތީޖާއަކުން ޔުނައިޓެޑު މޮޅުވިއިރު، ލިވަޕޫލް މިވަނީ މިހާރު ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައެވެ. މިއީ ނޮވެންބަރު 2014ގެ ފަހުން، ޖެހިޖެހިގެން މިހާގިނަ މެޗުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ޔުނައިޓެޑުން ވަނީ ދެވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލަކުން ލީޑު ނަގާފައެވެ. އެ ޓީމަށް މި ސީޒަނުގައި ގެނައި ބްރްޔަން ބުއެމޯ ކާމިޔާބުކުރި މި ގޯލުން ލީޑު ނެގިއިރު، އެ ހަމަލާ އުފެއްދުމުގެ ތެރޭގައި ލިވަޕޫލްގެ އެލެކްސިސް މެކަލިސްޓަރއަށް އަނިޔާވުމުން، ލިވަޕޫލުން ވަނީ ނުރުހުން ފާޅުކޮށް، ގޯލުގެ ކުރިން ކުޅުން ހުއްޓުވަން ޖެހޭނެކަމަށް ބުނަމުން ގޮސްފައެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ލިވަޕޫލުންނެވެ. އެގޮތުން މެޗުގެ ނަތީޖާ 78ވަނަ މިނެޓުގައި ހަމަހަމަކޮށްދިނުމުގެ ކުރިން، އެ ޓީމުގެ ނެދަލޭންޑްސް ފޯވާޑު ފޮނުވާލި ތިން ހަމަލާއެއް ގޯލު ދަނޑިއާ އަމާޒުވިއެވެ. 

އޭގެ ފަހުން ލީޑު ނެގުމަށް ލިވަޕޫލްގެ މުޙައްމަދު ސަލާޙް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެލެކްސެންޑަރ އިސާކްއަށް ވެސް ރަގަޅު ފުރސަތެއް ލިބުނެވެ. ނަމަވެސް އެ ހަމަލާތައް ވަނީ ޔުނައިޓެޑުގެ ހުޝިޔާރު ގޯލް ކީޕަރު، ސެން ލެމެންސް ދިފާއުކޮށްފައެވެ.

ޔުނައިޓެޑަށް މެޗުގައި ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ހެރީ މެގުއޭއެވެ. މެޗު ނިމެން 6 މިނެޓަށް ވެފައިވަނިކޮށް މެގުއޭ ކާމިޔާބުކުރި މި ގޯލާއެކީ، ބްރޫނޯ ފެނާންޑޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކުން އޭނާ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. އެއީ ޔުނައިޓެޑުގެ ޖާރޒީގައި ބްރޫނޯގެ 52ވަނަ އެސިސްޓެވެ. 

މި ނަތީޖާއާއެކު ޗެމްޕިއަން ލިވަޕޫލް އޮތީ 15 ޕޮއިންޓާއެކު ލީގުގެ ހަތަރުވަނައިގައެވެ. އަދި ޔުނައިޓެޑަށް 13 ޕޮއިންޓު ލިބިފައިވާއިރު އެ ޓީމު އޮތީ ލީގުގެ 9 ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން