Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ދަތުރުފުޅު މާވަށުން ފައްޓަވައިފި!

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ދަތުރުފުޅު މާވަށުން ފައްޓަވައިފި!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާވަށަށް ވަޑައިގެންނެވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޮކްޓޯބަރު 2025، 11:21

20 އޮކްޓޯބަރު 2025، 11:21

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ލ. މާވަށަށް މިއަދު ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި ފުރަތަމަ ރަށެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. މާވަށަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި، ރަށުގެ އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މާވަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި މާވަށުގެ ތަރައްޤީއަށް ރާވާފައިވާ ގިނަ މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަށްޓަވައިދެއްވާފައެވެ. އެގޮތުން، ލ. މާވަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށްޓަވައިދެއްވުމާއި، އެރަށުގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުގެ ބިންގާ އަޅުއްވާދެއްވުމާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވުން ހިމެނެއެވެ.

މީގެ އިތުރުން، މާވަށުގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާދެއްވުމުގެ އިތުރުން، އެރަށުގެ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަށްޓަވައިދެއްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މާވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުންވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ހައްދުންމަތީގައި މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށެވެ.

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، ދައުލަތުގެ އިސްވެރިންގެ ވަފުދަކާއެކު އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން