ޚަބަރު
ލ. މާވަށުގެ މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި
ލ. މާވަށުގެ މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުން ފޮޓޯ: ރައީސް އޮފީސް
ލ. މާވަށުގެ ތަރައްޤީއަށް އާ ބޮޅެއް އިތުރުވެ، އެރަށުގެ މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ދެ މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ ރަށްރަށަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާވަށަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުތަކުގައެވެ.
މި ރަސްމިއްޔާތުތަކުގެ ތެރެއިން، މާވަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. މި މަޝްރޫޢުގެ ދަށުން މާވަށުގެ މައި މަގުތަކުގައި 1.8 ކިލޯ މީޓަރުގެ މަގުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތި ޖެހުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ. މިކަމުގެ ސަބަބުން ރަށުގެ ދަތުރުފަތުރުގެ ހާލަތު ރަނގަޅުވެ، ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ވެސް ވަޒީރު، ޑރ. މުއްޠަލިބާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އަހްމަދު ސައުދީއެވެ. ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން އެރަށް ދިމާވެފައިވާ ރަށްގިރުމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ގުދުރަތީ ރީތިކަން ހިފެހެއްޓުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.
މި ދެ މަޝްރޫޢުގެ ސަބަބުން ލ. މާވަށުގެ ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކާއި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.