Ads by Stelco

ޚަބަރު

ދާރުލްއާޘާރު މަރާމާތުކުރުމުގެ ތެރޭގައި އެއްވެސް ތަރިކައެއް އުކާލެވިފައިނުވޭ

ދާރުލްއާޘާރު މަރާމާތުކުރުމުގެ ތެރޭގައި އެއްވެސް ތަރިކައެއް އުކާލެވިފައިނުވޭ

ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަދު މަޖިލިހުގައި ޖަވާބުދާރީވެވަޑައިގަންނަވަނީ.

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2025، 04:03

20 އޮކްޓޯބަރު 2025، 04:03

ރާއްޖޭގެ ޤައުމީ ދާރުލްއާޘާރު މަރާމާތުކުރުމުގެ ތެރޭގައި އެ ތަނުގައި ހުރި އެއްވެސް ތަރިކައެއް އުކާލެވިފައިނުވާ ކަމުގެ ޔަޤީންކަން، ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދެއްވައިފިއެވެ. ވަޒީރު މި ޔަޤީންކަން ދެއްވީ، މަޖިލިހުގައި އަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލިހުގެ ޖަލްސާގައި ވަޒީރު އާދަމް ނަޞީރާ ސުވާލުކުރައްވަމުން ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ވިދާޅުވީ، ޤައުމީ ދާރުލްއާޘާރު ތަރައްޤީކުރުމުގެ މަސައްކަތުގެ ކުރީކޮޅު، 12 ލޮރީގެ ކުނި އުކާލާފައިވާ ކަމަށެވެ. މި ކަމާ ގުޅިގެން މެންބަރު ވަޒީރު ކުރެން އެއްސެވީ، މި ކުނިތައް އުކާލިއިރު، އެއްވެސް ޤައުމީ ތަރިކައެއް އުކާނުލެވޭކަން ޔަޤީންކުރެވިފައިވޭ ތޯއެވެ.

މި ކަމުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ، މި މަސައްކަތުގައި ކުނި ކަމަށް ކަނޑައެޅި ތަކެތި އެއީ ނައްތާލަން ޖެހޭ ތަކެތި ކަމަށް ނިންމީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އެ ޤާނޫނުގައި އެކުލެވިފައިވާ ޤަވާޢިދާއި، ދައުލަތުގެ މުދާ އެއް އިދާރާއިން އަނެއް އިދާރާއަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެފައި ނުވަތަ ބޭނުންނުކުރެވޭ ޙާލަށް ވާޞިލުވެފައިވާ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރަން އޮންނަ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. ވީމާ، އުކާލި ތަކެތީގެ ތެރޭގައި އެއްވެސް ތަރިކައެއް ނުހިމެނޭ ކަން ވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

"ދާރުލްއާޘާރުގެ އެތެރޭން އުކާލެވުނު ކުނި ހުރީ އާޘާރީ ތަކެތި ހުންނަ ބަޔަކު ނޫން. ދާރުލްއާޘާރު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ދާރުލްއާޘާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައިނުވާ ކަމުގެ ޔަޤީންކަން ކަށަވަރުކުރެވިފައިވާނެ." ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ދާރުލްއާޘާރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މި އަހަރުގެ ކުރީ ކޮޅުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން