ޚަބަރު
މާވަށު ބަނދަރު ތަރައްޤީކުރުމާއި ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
 
                    އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ރައީސް އޮފީސް
ލ. މާވަށު ބަނދަރު ތަރައްޤީކުރުމާއި ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި ދެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މާވަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި، އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްޓަލިބު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، މާވަށު ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 38،900 ކިއުބިކް  މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 445 މީޓަރުގެ މިހާރު
އޮތް އެއްގަމުތޮށި މަރާމާތު ކުރުމާއި، 121 އަކަމީޓަރުގެ ސަރަހައްދެއްގައި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 226 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2298 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި
ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މި މަޝްރޫޢަކީ 23.46 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މީގެ އިތުރުން، މި ޖަލްސާގައި ވަނީ މާވަށު ސްކޫލުގެ އައު އިމާރާތް ބިނާކުރުމާއި ވަށާ ފާރު ރޭނުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި، ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ.
މާވަށު ސްކޫކުގެ އައު އިމާރާތުގެ މަސައްކަތަކީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.
 
                 
                             
                                         
                 
                 
                                             
                                            