ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. މީދޫއިން ދިވެއްސަކު ހައްޔަރުކޮށްފި
 
                    މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. މީދޫއިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައިވަނީ ދ. މީދޫއަށް ލޯންޗެއްގައި މީހަކު މަސްތުވާތަކެތި ގެންނަކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫ / ބިއްލޫރިވިލާ، އީމާން ލަޠީފް (30އ) އެވެ. ފުލުހުން ވިދާޅުވީ، މީދޫ ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6 ގުރާމުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އީމާން ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
 
                 
                             
                                         
                 
                 
                                             
                                            