ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. ޅޮހިން ޒުވާނަކު ހައްޔަރުކޮށްފި
 
                    މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. ޅޮހިން ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. އަތޮޅު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ / ނާރެސް، އިބްރާހީމް ރާއިފް (23އ) އެވެ.
އެގޮތުން، މިހިނގާ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި އޮޕަރޭޝަނުގައި އެ ރަށުގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 73.1 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
 
                 
                             
                                         
                 
                 
                                             
                                            