ދުނިޔެ

އީރާންގެ ނިޔުކްލިއަރ ވަޞީލަތްތައް ހަލާކުކޮށްލެވޭނެ ކަަމަށް ދެކުމަކީ އެމެރިކާގެ ރައީސް ޓްރަމްޕް ކުރައްވާ ކުންހީއެއް: ޚާމަނާއީ

އީރާންގެ ނިޔުކްލިއަރ ވަޞީލަތްތައް ހަލާކުކޮށްލެވޭނެ ކަަމަށް ދެކުމަކީ އެމެރިކާގެ ރައީސް ޓްރަމްޕް ކުރައްވާ ކުންހީއެއް: ޚާމަނާއީ

އާޔަތުއްﷲ ޢަލީ ޚާމަނާއީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2025، 10:37

20 އޮކްޓޯބަރު 2025، 10:37

އީރާންގެ ނިޔުކްލިއަރ ވަޞީލަތްތައް ހަލާކުކޮށްލެވޭނެ ކަމަށް ދެކުމަކީ އެމެރިކާގެ ރައީސް ޓްރަމްޕް ކުރައްވާ ކުންހީއެއް ކަމަށް އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. 

 ޚާމަނާއީ ވިދާޅުވެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ނިއުކްލިއަރ ވަސީލަތްތައް ހަލާކުކުރެވުނު ކަމަށް ދެކެވަޑައިގަންނަވާ ދެކެވަޑައިގެންނެވުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ.

އީރާނުގެ އެތުލީޓުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ޚާމަނާއީ ވިދާޅުވީ، "އެމެރިކާގެ ރައީސް ފަޚުރުވެރިވަމުން ވިދާޅުވަނީ އަހަރުމެން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާދީ ހަލާކުކޮށްލީމޭ. ރަނގަޅު، އެ ހީފުޅައިގެން ކުރިއަށް ވަޑައިގަންނަވާ!" އެވެ.

ޖޫން 22 ގައި އެމެރިކާއިން ވަނީ ތެހެރާންގެ ދެކުނުގައި ހުންނަ ފޯޑޯ ޔުރޭނިއަމް އެންރިޗްމަންޓް ފެސިލިޓީއަށާއި، އިސްފަހާން އަދި ނަތަންޒްގައި ހުރި ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާދީފައެވެ. މިއީ އިސްރާއީލާއި އީރާން ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ދިން ހަމަލާތަކެކެވެ.

މި ހަމަލާތަކުން ލިބުނު ގެއްލުންތަކުގެ ސީދާ ތަފްސީލު އަދި ވެސް ވަނީ ހާމަނުވެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ވިދާޅުވަމުން ގެންދަވަނީ މި ވަސީލަތްތައް "މުޅިން ހަލާކުވެ ދިޔަ" ކަމަށެވެ. އިސްރާއީލުގެ ކްނެސެޓްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ "އަހަރުމެން މައިގަނޑު ނިއުކްލިއަރ ވަސީލަތްތަކަށް 14 ބޮން އެޅިން، ފެށުނީއްސުރެ ވެސް ދެންނެވި ފަދައިން، އެތަންތަން މުޅިން ހަލާކުވެއްޖެ. އަދި އެކަން ވަނީ ކަށަވަރުކުރެވިފަ" އެވެ.

އީރާނާއި އެމެރިކާގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ކެނޑިފައިވަނީ 1979 ވަނަ އަހަރު އިސްލާމިކް ރެވޮލިއުޝަނަށް ފަހު، ތެހެރާންގައި ހުރި އެމެރިކާގެ އެމްބަސީގެ މުވައްޒަފުން ހިފެހެއްޓުމާ ގުޅިގެންނެވެ. އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި އޮތީ އަދާވާތްތެރި ގުޅުމެކެވެ. މިދިޔަ އޭޕްރީލް މަހު އޮމާންގެ މެދުވެރިކަމާއެކު ދެ ޤައުމުގެ ދެމެދުގައި ނުސީދާކޮށް މަޝްވަރާތަކެއް ފެށުނު ނަމަވެސް، އިސްރާއީލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން އެ މަޝްވަރާތައް ވަނީ ހުއްޓިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން