ދުނިޔެ

ޣައްޒާއަށް ވަގުތުން އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމަށް 4 ޤައުމަކުން ގޮވާލައިފި

ޣައްޒާއަށް ވަގުތުން އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމަށް 4 ޤައުމަކުން ގޮވާލައިފި

ޣައްޒާގެ ކުޑަކުދިންތަކެއް. ފޮޓޯ: ގެޓީ އިމޭޖަސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ނޮވެމްބަރު 2026، 08:11

16 ނޮވެމްބަރު 2026، 08:11

ޣައްޒާގެ އެކި ކަންކޮޅުތަކަށް އެއްވެސް ހުރަހެއްނެތި ވަގުތުން އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް އޮސްޓްރޭލިއާ، ކެނެޑާ، އިޓަލީ އަދި އިނގިރޭސިވިލާތުން އިސްރާއީލަށް ގޮވާލައިފިއެވެ. 

އެ ހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން ސޮއިކުރައްވައި އާދީއްތަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވަނީ، މި ފަހުން ޣައްޒާއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައިކަން ފާހަގަކުރައްވާފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޣައްޒާގެ ރައްޔިތުން ބޯހިޔާވަހިކަމަށާއި އިންސާނީ އެހީތެރިކަމަށް އިންތިހާއަށް ބޭނުންޖެހިފައިވާ މި ދަނޑިވަޅުގައި ވެސް، 150،000 ފޭލިގެއާއި ޒަރޫރީ ސާމާނު ބޯޑަރު މަތީގައި ހިފަހައްޓައި، ޣައްޒާއަށް އެތެރެވިޔަނުދީ އިސްރާއީލުގެ ޔަހޫދީން ހުރަސްއަޅާފައިވާ ކަމަށެވެ. 

އަދި އެހީ ވެއްދުން ލަސްކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް ޔަހޫދީ ސަރުކާރަށް ގޮވާލަމުން، ފިނި މޫސުން ފެށުމުގެ ކުރިން ފިޔަވަޅު އަޅައިފިނަމަ މި ހާލަތު ބަދަލުކުރެވިދާނެ ކަމަށްވެސް އެ ގައުމުތަކުން ބުނެފައިވެއެވެ. މީގެ އިތުރުން 2025 ވަނަ އަހަރު އިއުލާނުކުރި "ކޮމްޕްރެހެންސިވް ޕްލޭން ފޯރ ޣައްޒާ" ތަންފީޒުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އދ. އާއި އެހީދޭ ޖަމާއަތްތަކުން ހާމަކުރާ ގޮތުގައި، މި މަހު ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެތައް ހާސް ފޭލިގެއެއް ފެނާއެކު ދަމައިގަނެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ގްލޯބަލް ޝެލްޓަރ ކްލަސްޓާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފިނި މޫސުމާއި ކުރިމަތިލުމަށް މަދުވެގެން 1.7 މިލިއަން ގޮދަޑިއާއި 121،000 ފޭލިގެ ބޭނުންވެއެވެ. އަދި އދ. ގެ ހިއުމެނިޓޭރިއަން ކަންޓްރީ ޓީމުން ބުނެފައިވަނީ މިއީ ހަމައެކަނި ތޫފާނުގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށާއި، މިއީ ސިޔާސަތުތައް ކަނޑައެޅި ގޮތުގެ ސަބަބުން ކުރިމަތިވި ކާރިސާއެއް ކަމަށެވެ.

ވިލާތުގެ އިއްތިހާދުންވެސް ވަނީ މި ކާރިސާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ޣައްޒާގެ ބޯޑަރު ހުރަސްކުރާ ހުރިހާ މަގުތަކެއް އަލުން ހުޅުވައިލުމަށް އިސްރާއީލަށް ގޮވާލާފައެވެ. ޖެނީވާ ކޮންވެންޝަންގެ ދަށުން އާންމުންނަށް އިންސާނީ އެހީ ލިބުމަށް ހުރަސްއެޅުމަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވޭއިރު، އިސްރާއީލާ ދެކޮޅަށް ނަސްލު ނައްތާލުމުގެ މައްސަލައެއް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ދަނީ ހިނގަމުންނެވެ. އަދި ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ނެރެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450