ދުނިޔެ
ޣައްޒާގައި ފިނިގަދަވުމުގެ ސަބަބުން މި ފިނި މޫސުމުގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ޝަހީދުވެއްޖެ
ގަދަ ފިނީގެ ސަބަބުން ޝަހީދުވި ތުއްތު ކުއްޖަކު ޖަނާޒާއަށް ގެންދަނީ.
މި އަހަރުގެ ފިނި މޫސުން ފެށުނު ފަހުން ޣައްޒާގައި ފިނިގަދަވުމުގެ ސަބަބުން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
މަރުވެފައިވަނީ އުމުރުން އެންމެ 9 މަހުގެ ކިނާން އަޙްމަދު އަރްޤީޤް ނަމަކަށް ކިޔާ ކުއްޖެކެވެ. އެ ކުއްޖާ މަރުވީ ހަށިގަނޑުގެ ފިނިހޫނުމިން އިންތިހާއަށް ދަށްވުމުގެ ސަބަބުން (severe hypothermia) ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުވައިތީ ހޮސްޕިޓަލުން ބަދަލުކޮށްގެން ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ބުރާސްފަތި ދުވަހު ކިނާން ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި ފޮރެންސިކް ރިޕޯޓުން ދައްކާ ގޮތުގައި އެ ކުއްޖާ މަރުވުމުގެ މައިގަނޑު ސަބަބަކީ ފިނިގަދަވެ ހަށިގަނޑުގެ ފިނިހޫނުމިން ނުރައްކާތެރި މިންވަރަކަށް ދަށްވުން ކަމަށް ކަށަވަރުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާގެ ގިނަ ގެދޮރާއި އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާފައިވާއިރު، އދ. ގެ އިންސާނީ އެހީއާ ބެހޭ އިދާރާ (އޯޗާ) އިން ބުނާ ގޮތުގައި އާބާދީގެ 65 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 1.4 މިލިއަން މީހުން ދިރިއުޅެމުންދަނީ ފޭލިގެތަކުގައެވެ. ކަރަންޓާއި ހޫނުކުރާނެ ތެޔޮ ނެތުމުގެ އިތުރުން، މި ފޭލިގެތަކަކީ ފިނިން ރައްކާތެރިކަން ލިބޭ ތަންތަނެއް ނޫނެވެ. ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު އިންތިހާއަށް މަދުވެފައިވާއިރު، ވޭތުވެދިޔަ ފިނި މޫސުމުގައިވެސް އަސާސީ ވަސީލަތްތައް ނެތުމުގެ ސަބަބުން 10 މީހަކު ފިނީގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ނޮވެމްބަރު 7 ގައި ގާތްގަނޑަކަށް 70،000 ފޭލިގެއެއްގައި ފެންބޮޑުވެ، ދީރުލް ބަލަޙްގައި ވެލި ފާރެއް ވެއްޓި ފަސް މީހުން މަރުވުމާ ގުޅިގެން ޣައްޒާގެ ސިވިލް ޑިފެންސުން ވަނީ ކުއްލި ނުރައްކަލުގެ އެންމެ މަތީ ދަރަޖަ އިއުލާނުކޮށްފައެވެ. އޯޗާގެ ރިޕޯޓުތައް ބުނާ ގޮތުން 6،000 އަށްވުރެ ގިނަ ފޭލިގެ އެއްކޮށް ހަލާކުވެ، 17،400 ފޭލިގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ޣައްޒާއަށް 270،000 އެއްހާ ފޭލިގެ ބޭނުންވާ ކަމަށް އެ ސިޓީގެ މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސް އެންޑް ހައުސިންގްއިން ބުނާއިރު، އެތެރޭގައި ހުރި ސްޓޮކް ހުސްވަމުންދާ މި ދަނޑިވަޅުގައި، އިސްރާއީލުން ހުރަސްއަޅާތީ 150،000 އަށްވުރެ ގިނަ ފޭލިގެ ޣައްޒާގެ ބޭރުގައި ވަނީ ތާށިވެފައެވެ.
ފެންބޮޑުވުމުގެ މި ހާދިސާތަކާ ގުޅިގެން އިސްރާއީލަށް ކުރިމަތިވެފައިވާ ބައިނަލްއަގުވާމީ ޕްރެޝަރު ވަނީ ވަރުގަދަވެފައެވެ. ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު އީވާ ހްރަންސީރޯވާ ވިދާޅުވީ އިންސާނީ އެހީ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ޔޫރަޕިއަން ޔޫނިއަނުން ތަކުރާރުކޮށް އިސްރާއީލަށް ގޮވާލަމުންދާ ކަމަށެވެ. މީގެ އިތުރުން، އިނގިރޭސިވިލާތާއި ގަތަރު އަދި އުރުދުން އިސްވެ އޮވެ 53 ގައުމަކާއި ޖަމާއަތަކުން ވަނީ ބޯހިޔާވަހިކަމުގެ ސާމާނު އެތެރެކުރުމަށް ހުރަސްނޭޅުމަށާއި ހުރިހާ ބޯޑަރުތަކެއް ހުޅުވައިދިނުމަށް އެދި އދ. ގައި ގޮވާލާފައެވެ. އަދި ރައްކާތެރި ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ފިނިގަދަވުމުގެ ސަބަބުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތައް ޖެހުމުގެ ބިރު ބޮޑުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި އިންޒާރުދީފައިވެއެވެ.