ދުނިޔެ

ލަންކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މަސްބޯޓެއް އަތުލައިގެންފި

ލަންކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މަސްބޯޓެއް އަތުލައިގެންފި

ސްރީލަންކާގެ މަސްބޯޓެއް ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތުން. ފޮޓޯ: ލަންކާ އެއަރޕޯސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ނޮވެމްބަރު 2026، 02:38

15 ނޮވެމްބަރު 2026، 02:38

ސްރީލަންކާގެ ދެކުނުގެ ކަނޑުގެ ސަރަޙައްދުން، ރާއްޖޭގެ އިރުއުތުރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އެ ގައުމުގެ މަސްބޯޓެއް އަތުލައިގަނެ، އޭގައި ތިބި ފަސް ފަޅުވެރިން ލަންކާގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނުގައި އަތުލައިގެންފައިވަނީ ޖުމްލަ 101 ކިލޯގެ ހެރޮއިންއާއި 870 ގްރާމްގެ މެތަމްފެޓަމައިންއެވެ. މި ތަކެތި ފެނިފައިވަނީ ހަ ގޯންޏަކަށް އަޅައި ބަންދުކޮށް، ބޯޓުގައި ފޮރުވާފައި ވަނިކޮށެވެ. އަތުލައިގަނެވުނު މަސްބޯޓާއި، އޭގައި ތިބި މީހުންނާއި މަސްތުވާތަކެތި އިތުރު ތަހުގީގަށާއި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ވަނީ ގޯލް ބަނދަރަށް ގެންގޮސްފައެވެ.

ފުލުހުންގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) ގެ އެހީތެރިކަމާއެކު އެ ތަކެތި އިތުރަށް ބަލައި ފާސްކުރިއިރު، 52 ޕެކެޓުގައި ބަންދުކޮށްފައި ހުރި ގާތްގަނޑަކަށް 58 ކިލޯ އަދި 736 ގްރާމްގެ ހެރޮއިން އަދި 50 ޕެކެޓުގައި ބަންދުކޮށްފައި ހުރި ގާތްގަނޑަކަށް 43 ކިލޯ އަދި 134 ގްރާމްގެ މެތަމްފެޓަމައިން ހުރިކަން ވަނީ ކަށަވަރު ކުރެވިފައެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި މަސްތުވާތަކެތީގެ މަގުމަތީ އަގު (ސްޓްރީޓް ވެލިއު) 1.5 ބިލިއަން ސްރީލަންކަން ރުޕީސްއަށް ވުރެ މައްޗެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންނާއި، މަސްތުވާތަކެތީގެ އިތުރުން އެ ބޯޓު ވެސް އިތުރު ޤާނޫނީ މަރުޙަލާތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ޕީއެންބީއާ ހަވާލުކޮށްފައެވެ.

މި އޮޕަރޭޝަނާ ގުޅިގެން ސްރީލަންކާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ވިދާޅުވީ، ގައުމީ ސަލާމަތް ރައްކާތެރިކުރުމުގެ އިތުރުން މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ "އަ ނޭޝަން ޔުނައިޓެޑް" ގައުމީ މިޝަންގެ ދަށުން، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ނޭވީން މެދުކެނޑުމެއްނެތި ހިންގަމުންދާ ކަމަށެވެ. އަދި މިފަހަރު އަތުލައިގަނެވުނު ބޮޑު ޝިޕްމަންޓަކީ ވެސް ނޭވީން ކަނޑުމަތީގައި ދުރާލައި ރާވައިގެން ހިންގި ހާއްސަ ފާރަލުމުގެ އޮޕަރޭޝަނެއްގެ ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ ނުރައްކަލުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި، އިޖްތިމާޢީ ތަރައްގީއަށާއި، ޒުވާނުންނާއި ސްކޫލް ކުދިންނަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރަމުންދާކަން ފާހަގަކުރައްވައި ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، "އަ ނޭޝަން ޔުނައިޓެޑް" މިޝަންގެ ދަށުން ނޭވީއާއި، ކޯސްޓްގާޑާއި، ސިފައިންނާއި، ފުލުހުންނާއި، ޕީއެންބީ އަދި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެތެރޭގެ އިތުރުން ބޭރުގެ ޖާސޫސީ އިދާރާތަކާ ގުޅިގެން މައުލޫމާތު ބަދަލުކޮށް، އެއްގަމާއި ކަނޑުމަގުން ހިންގާ އޮޕަރޭޝަންތައް މިހާރު އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށާއި، މަސްތުވާތަކެތި އެތެރެކުރަން ހުރި ހުރިހާ މަގުތަކެއް ބަންދުކުރުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450