ދުނިޔެ
ވަގަށް ތެޔޮ ވިއްކި މައްސަލައެއްގައި އިރާޤުގެ 9 އިސް އޮފިޝަލަކު މަޤާމުން ވަކިކޮށްފި
އިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ. ފޮޓޯ: އަލްޖަޒީރާ
އީރާނުގެ މަދަދު ލިބޭ ހަތިޔާރުއެޅި ޖަމާޢަތެއްގެ ބާރުގަދަ ސަރަޙައްދެއްގައި، ވަގަށް ތެޔޮ ޓްރެފިކްކުރުމުގެ ބޮޑު ނެޓްވޯކަކާއި ގުޅިގެން އުޅުނު ކަމުގެ މައްސަލައެއްގައި، އިރާޤުގެ 9 އިސް ސެކިއުރިޓީ އޮފިޝަލަކު މަޤާމުން ވަކިކޮށްފިއެވެ.
އިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ ވަނީ މި ނުވަ މީހުން މަގާމުން ވަކިކޮށް އެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ދަޢުވާކުރުމަށް އަމުރުކުރައްވާފައެވެ.
އިރާޤުން މި ފިޔަވަޅު އަޅާފައި ވަނީ ހިޒްބުﷲ ޖަމާޢަތުގެ ބާރު ހިނގާ ބާބިލް ޕްރޮވިންސްގެ ޖުރުފް އަލް-ނަޞްރުގައި ޤަވާޢިދާ ޚިލާފަށް ތެޔޮ ސާފުކުރާ ތަންތަނާއި، ވަގަށް ތެޔޮ ވިއްކުމުގެ ޙަރަކާތްތަކާ ގުޅޭގޮތުން ހިންގި ތަޙުޤީޤެއްގެ ހޯދުންތައް މުރާޖަޢާ ކުރެއްވުމަށް ބޮޑުވަޒީރު ބޭއްވެވި ކުއްލި ސަލާމަތީ ބައްދަލުވުމަކަށް ފަހުގައެވެ.
އަސްކަރީ ތަރުޖަމާނު ޞަބާޙް އަލް-ނުޢުމާން އިރާޤީ ނިއުސް އޭޖެންސީ (އައި.އެން.އޭ) އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ތެޔޮ ވަގަށް އެތެރެކުރުމުގެ އޮޕަރޭޝަންތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތްތަކެއް ޝަރުޢީ ދާއިރާއަށް ހުށަހެޅުމަށާއި، ބާބިލް ޕްރޮވިންސްގެ ޕޮލިސް ޗީފާއި ސަލާމަތީ އަދި ޖާސޫސީ އޮފިސަރުންނާއި، ދާޚިލީ ވުޒާރާގެ ކޮމާންޑަރަކާއި، ތެލާ ބެހޭ ވުޒާރާގެ އޮއިލް ޕައިޕްލައިންސް ކުންފުނީގެ ޑިރެކްޓަރު ހިމެނޭހެން ނުވަ އޮފިޝަލަކު ވަޒީފާއިން ވަކިކުރެއްވުމަށް ބޮޑުވަޒީރު އަމުރުކުރައްވާފައިވާ ކަމަށެވެ.
ޖާސޫސީ ލިޔެކިޔުންތަކާއި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ބަޣުދާދުގެ ދެކުނުން، ޤައުމުގެ ދެކުނު ސަރަޙައްދަށް އަޅާފައިވާ ދެ ސްޓްރެޓީޖިކް ތެޔޮ ހޮޅިއަކުން ވަނީ ޤަވާޢިދާ ޚިލާފަށް ތެޔޮ ނަގާފައެވެ. މަހަކު 30 މިލިއަން ޑޮލަރާ ހަމައަށް އަގުހުރި ކަމަށް ބެލެވޭ މި ވަގު ވިޔަފާރީގެ ތެރެއިން ސާފުނުކުރާ ތެލާއި، ތެލުގެ އުފެއްދުންތައް ވަގަށް ނަގައިގެން ކަޅު ބާޒާރުގައި ވިއްކަމުން ދިޔަކަން ތަޙުޤީޤު ކޮމިޓީން ވަނީ ކަށަވަރުކޮށްފައެވެ.
އިރާޤުގައި އެންމެ ވަރުގަދައަށް ހަތިޔާރު އަޅައިގެން ހަރަކާތްތެރިވާ ހިޒްބުﷲ އިން ފަހަކަށް އައިސް ވަނީ ސަރުކާރަށް އިންޒާރުދީ، ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފައެވެ. ނަމަވެސް، ހަތިޔާރު ބަހައްޓަން ދެކޮޅު ހަދާ ޖަމާޢަތްތަކާއި ކުރިމަތިލުމަށް ތައްޔާރަށް ހުންނެވި ކަމަށް އަލް-ޒައިދީ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ޖުރުފް އަލް-ނަޞްރަކީ މިހާތަނަށް ދަޢުލަތުގެ ބާރު ނުހިނގާ "ދަޢުލަތެއްގެ ތެރޭގައި އޮތް ވަކި ދަޢުލަތެއްގެ" ގޮތުގައި ހިންގަމުން އައި ސަރަޙައްދެއް ނަމަވެސް، މިފަދަ ޢަމަލުތަކަށް އެއްވެސް ފުރުޞަތެއް ނުދެއްވާނެ ކަމަށް ބޮޑުވަޒީރު ވަނީ ވިދާލުވެފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ފިޔަވަޅުތަކަކީ ސަރުކާރުގެ ބާރުގެ ދަށަށް ނުގެނެވި ހުރި މިލިޝިއާތަކުގެ އަތުން ހަތިޔާރު އަތުލުމާއި އެ ޖަމާޢަތްތަކަށް ލިބޭ މާލީ އެހީތެރިކަމުގެ މަގުތައް ބަންދުކުރުމަށް ރޭވިގެން ކުރިއަށް ގެންގޮސްފައިވާ ކަމެކެވެ.