ދުނިޔެ

ތާއިޒްގެ ހިސާރުގެ ސަބަބުން ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އިތުރުވެއްޖެ

ތާއިޒްގެ ހިސާރުގެ ސަބަބުން ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އިތުރުވެއްޖެ

ކައްކާ ގޭސް ހޯދުމަށް އެއެއްވެތިބި ޔަމަނުގެ ރައްޔިތުންތަކެއް. ފޮޓޯ:އޭއެލް މޮނިޓަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ނޮވެމްބަރު 2026، 12:33

15 ނޮވެމްބަރު 2026، 12:33

ޔަމަނުގެ ތާއިޒް ސިޓީ ހޫޘީ ހަނގުރާމަވެރިން ހިސާރުކޮށްފައި އޮތުމުގެ ސަބަބުން އެ ރަށުގައި ނުރައްކާތެރި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރި، ކުޑަކުދިންނާއި އާންމުންގެ ފުރާނައަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާކަން ރިޕޯޓުތަކުން ހާމަވެއްޖެއެވެ.

މަގުތައް ބަންދުވެ، ބޭސްފަރުވާއާއި ސާފު ބޯފެނާއި ތެޔޮ ނުލިބި ދަތިވުމުގެ ސަބަބުން އިމަޖެންސީ ފަރުވާ ނުލިބި ކުޑަކުދިން މަރުވަމުންދާ ކަމުގެ ޝަކުވާ އާއިލާތަކުން ދަނީ ކުރަމުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ހޫޘީ ހަނގުރާމަވެރިން ކުރިއަށްޖެހި، ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ވަދެވެން އޮތް މައި ސަޕްލައި މަގު ބަންދުކުރުމާ ގުޅިގެން ތާއިޒް އަދި އެ ސިޓީގެ ވަށައިގެންވާ އަވަށްތަކުގެ ހިސާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި ދެ މިލިއަނެއްހާ މީހުން ދިރިއުޅޭ މި ސިޓީއަށް ކާބޯތަކެއްޗާއި ބޭހާއި ތެޔޮ އެތެރެވުން ހޫޘީން ދަނީ ހުއްޓުވަމުންނެވެ. ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ހާމަކޮށްފައިވާ ގޮތުގައި، އާންމުން ބަނޑަށް ޖެއްސުން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ހަނގުރާމައިގެ ޖަރީމާއަކަށް ވުމުގެ ފުރުސަތު ބޮޑު ކަމެކެވެ.

އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޮޗާ) އިން އިންޒާރު ދީފައިވާ ގޮތުގައި ތާއިޒްގައި ސިއްހީ ޚިދުމަތްތައް ދަނީ ފޭލްވަމުންނެވެ. ސިއްހީ ފަރުވާއިން 250،000 އެއްހާ މީހުން މަހުރޫމްވެފައިވާއިރު، އޭގެ ތެރޭގައި ފަސް އަހަރުން ދަށުގެ 186،000 އަށް ވުރެ ގިނަ ކުދިން ހިމެނެއެވެ. މީގެ އިތުރުން ތެލާއި ބޭހުގެ ދަތިކަމާ ހުރެ 12 ހޮސްޕިޓަލެއް ބަންދުކުރުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާއިރު، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނި ގޮތުގައި އެހީއަށް ބޭނުންވެފައިވާ 600،000 މީހުންނާ ހަމައަށް ވާސިލްވުމަށް ވަނީ ހުރަސްއެޅިފައެވެ.

ތާއިޒްގެ ޕަބްލިކް ހެލްތު އެންޑް ޕޮޕިއުލޭޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަތަރު ހަފުތާގެ ތެރޭގައި އެކަނިވެސް 5،642 ބަލިމީހުން ވަނީ ރެކޯޑުކުރެވިފައެވެ. އޭގެ ތެރޭގައި ބޭރަށްހިންގުމުގެ 5،228 ކޭހާއި، ޑެންގީ ހުން ކަމަށް ޝައްކުކުރެވޭ 232 ކޭސް އަދި ކޮލެރާ ކަމަށް ޝައްކުކުރެވޭ 182 ކޭސް ހިމެނެއެވެ. މަގުތައް ބަންދުވުމާއި ތެލުގެ އަގު ކަޅުބާޒާރުގައި އިންތިހާއަށް އުފުލި ދަތުރުފަތުރުގެ އަގު ބޮޑުވުމުގެ ސަބަބުން، ހޮސްޕިޓަލްތަކަށް ފަރުވާއަށް ދެވޭ މީހުންގެ އަދަދު 60 އާއި 70 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ފާހަގަކުރެއެވެ.

ސިއްހީ މާހިރުން ބަޔާންކުރާ ގޮތުގައި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން ދިމާވި މައިގަނޑު ސަބަބަކީ ރައްކާތެރި ނޫން ފެން ބޭނުންކުރަން ޖެހުމެވެ. ސިޓީއަށް ބޭނުންވާ ސާފު ފެނުގެ އެންމެ 8 އިންސައްތަ ފޯރުކޮށްދެވޭއިރު، ޑީސަލް ނެތުމުގެ ސަބަބުން މަގުތަކުގައި ކުނި އެޅި، ފެން ހަރުލާފައި ހުރުމަކީ މަދިރި އުފެދި ޑެންގީ ހުން ފަދަ ބަލިތައް އިތުރުވުމަށް މަގުފަހިވާ ސަބަބެކެވެ. މީގެ އިތުރުން ކުނި އުކާލާ ވެހިކަލްތައް ލޭންޑްފިލްއާ ހަމައަށް ދިއުމަށްވެސް ހޫޘީން ހުރަސްއަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450