ޚަބަރު
ފޮނަދޫގައި އެމްއެންޔޫގެ ކެމްޕަހަކާއި ބަސް ކިޔަވައިދޭ ސްކޫލެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ފޮނަދޫގައި އެމްއެންޔޫގެ ކެމްޕަހާއި ލެންގުއޭޖް ސްކޫލް ގެ އެއްބަސްވުމުގައި ސޮއިކުރުން
ލ. ފޮނަދޫގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކެމްޕަހަކާއި ލެންގުއޭޖް ސްކޫލެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި ދެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
އެމްއެންޔޫ ކެމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރޓ) އަހްމަދު ސައުދީއެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ރަހީމާ އަބްދުއްރަހީމެވެ. ހަމައެއާއެކު، ލެންގުއޭޖް ސްކޫލް އިމާރާތްކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ އެ ދެ ފަރާތުންނެވެ.
މި ދެ މަޝްރޫޢާ ގުޅޭގޮތުން ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ތަފާތު ބަސްތަކުން މުޢާމަލާތްކުރަން އެނގޭ މީހުން އުފެއްދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ދެ މަޝްރޫޢަކީ މަތީ ފަންތީގެ ތަޢުލީމު ދިނުމަށާއި އަތޮޅާއި ސަރަހައްދުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރަހައްދީ ތަރައްޤީއަކީ މުހިންމު ކަމެއް ކަމަށާއި، މާލެއަށް މީހުން ޖަމާކޮށް ޚިދުމަތް ދިނުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި، ރައްޔިތުންނަށް އޭގެ ނަފާ ލިބިގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.