ޚަބަރު
ފޮނަދޫގެ ތަރައްޤީއާ ގުޅުންހުރި އަށް މަޝްރޫޢެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ހައްދުންމަތީ ފޮނަދޫގެ ތަރައްޤީއާ ގުޅުންހުރި އަށް މަޝްރޫޢެއް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ފޮނަދޫއަށް ޒިޔާރަތްކުރައްވައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
އެގޮތުން ފަސް މަޝްރޫޢެއް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައެވެ. އަދި އަނެއް ތިން މަޝްރޫޢު ހަވާލުކުރީ މޯލްޑިވްސް އެއާރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެވެ.
އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢުތައް:
- ފޮނަދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢު
- ފޮނަދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލޭންގުއެޖް ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު
- ފޮނަދޫގައި އޮފީސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަޝްރޫޢު
- ފޮނަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު
- ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް
އެމްއޭސީއެލްއާ ހަވާލުކުރި މަސައްކަތްތައް:
- ފޮނަދޫއަށް 30 ހެކްޓަރުގެ ބިން އިތުރުކުރުން
- ކައްދޫ އެއަރޕޯޓު ބޮޑުކުރުމަށް ބޭނުންވާ 114 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކައްދޫ އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުން
- ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަޝްރޫޢު
މިރޭ ފޮނަދޫގައި ސޮއިކުރެވުނު އެއްބަސްވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީގުގެ ރައީސް، ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުއްރަޙީމް އަބްދުالله ވިދާޅުވީ، މިއީ ފޮނަދޫގެ ހަޔާތުގައި އައި ވަރަށް ތާރީޙީ ރެއެއް ކަމަށެވެ.
ފޮނަދޫގެ ތަރައްޤީގައި މިރޭ މި ލިޔެވިގެން ދިޔަ ތާރީޙީ ސަފްޙާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅު އަޅުގަނޑުމެން ލިޔާނީ ރަން އަކުރުން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله
މީގެ އިތުރުން، ފޮނަދޫގެ ރައްޔިތުންނަށްޓަކައި ވީ ވަޢުދުތައް ފުއްދުމުގައި ކެތްތެރިވެ ހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަމުގެ ކުރީކޮޅު މިހާގިނަ މަޝްރޫޢުތައް މުޅި ރާއްޖޭގައި ހިންގަވާ ރައީސަކު އަދި ވެރިކަމަށް ނާންނަކަމަށް ވެސް އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތަށް ތަޢުރީފު ކުރައްވަމުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ފޮނަދޫއަށް ވަޑައިގެންނެވުމަށްފަހު އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި، ރަށުގެ ހާލަތާއި ގުޅުންހުރި ކަންކަމުގައި މަޝްވަރާ ވެސް ވަނީ ކުރައްވާފައެވެ. އަދި މާދަމާ ހެނދުނު އެ ރަށުގައި ބައެއް މަޝްރޫޢުތައް އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.