Ads by Stelco

ޚަބަރު

ޕީއެންސީގެ ވެރިކަމަކީ މިހާތަނަށް ދިވެހިރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން: ޢަބްދުއްރަޙީމް

ޕީއެންސީގެ ވެރިކަމަކީ މިހާތަނަށް ދިވެހިރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން: ޢަބްދުއްރަޙީމް

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަޖިލީހުގެ ރައީސް އަބްދުެއްރަޙީމް އަބްދުﷲ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޮކްޓޯބަރު 2025، 06:48

21 އޮކްޓޯބަރު 2025، 06:48

މިހާރު ވެރިކަން ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވެރިކަން ވެގެންދާނީ ދިވެހިރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުނަދޫ ދާއިރާގެ މެމްބަރު، އަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، މިހާރު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ފޮނަދޫއަށް ޒިޔާރަތްކުރައްވައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފޮނަދޫގައި 8 މަޝްރޫޢެއް ކުރިޔަށް ގެންދިއުމުގެ މަސައްކަތް ދެ ކުންފުންޏަކާ ރޭ ހަވާލުކޮށްފައިވާއިރު، އެކަމަށް އިޝާރާތްކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، އެ ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިނިތުން ވެފައި ކަމަށާއި، އަދި ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާއާއެކު ކުރިޔަށްދާން ތައްޔާރަށްކަމަށް ވިދާޅުވިއެވެ. އެއީ ފޮނަދޫގެ ރައްޔިތުންނަކީ ތަންދޮރު އެނގޭ އަދި މީހުން ދައްކާ ދޮގު ވާހަކަތައް ޤަބޫލުކުރާ ބަޔަކަށް ނުވާތީކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ފޮނަދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހާއި ލޭންގުއެޖް ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު ހަވާލުކުރުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އަބްދުއްރަޙީމްގެ ވާހަކަފުޅުގައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެން ހާސިލްކުރަމުންދާ ކަންކަމަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހިރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކުރެވުންކަމަށް ވިދާޅުވިއެވެ. އަދި އެއީ ރައީސް މުޢިއްޒުގެ އެންމެ ބޮޑު ކާމިޔާބީކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ.

އަދި އަތޮޅުގެ ވެރިކަން ކުރާ ރަށެއްގެ ގޮތުގައި އޮވެމެ، އެ ރަށުން ރައްޔިތުންނަށް ކޮންމެހެން ލިބިދޭންޖެހޭ ޚިދުމަތްތައް ފުރިހަމަ ނުކުރެވި އޮތްއޮތުން ބަދަލުވެގެން ދާނެކަމުގެ އުއްމީދު ވެސް ދެއްވީ ރައީސް މުޢިއްޒު ކަމުގައި ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ 7 ސަރަޙައްދެއްގައި އާރބަން ސެންޓަރުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، އޭގެތެރޭގައި ފޮނަދޫ ހިމެނުމަކީ މިހާތަނަށް ފޮނަދޫގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހިންހަމަޖެހުންކަމަށް ވިދާޅުވިއެވެ. 

މީގެއިތުރުން، ރައީސުލްޖުމްހުރިއްޔާ ރައްޔިތުންނަށް ކޮށްދެއްވާ މަސައްކަތްތައް ފުރިހަމަ ކުރެއްވުމަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ވެސް އަބްދުއްރަޙީމް އެދިވަޑައިގަތެވެ. އަދި އެ ރަށުގެ ރައްޔިތުން ދެން އެންމެ އިންތިޒާރު ކުރާނީ، އެ ރަށުގައި ފެށި މަޝްރޫޢުތައް ނިންމައި، މަޝްރޫޢުތައް އިފްތިތާޙު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ދުވަހަކަށްކަން ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި އެއްޗެއް ދަންނަވަމުންކަމަށް ބުނެ ޢަބްދުއްރަޙީމްގެ ވާހަކަފުޅު ނިންމާލެއްވުމުގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހުރިއްޔާގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއް ކުރުމަށް ފަސްޖެހުމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ރައީސުލްޖުމްހުރިއްޔާގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކުޑަވެސް ފަސްޖެހުމެއް ނާންނާނެ.  

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله

ފޮނަދޫގައި ރޭ އޮތް ޖަލްސާގައި ވަނީ އެ ރަށުގައި 8 މަޝްރޫޢެއް ހިންގުމަށް 2 ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެގޮތުން 5 މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކުރިއިރު، 3 މަޝްރޫޢު ހަވާލުކުރީ މޯލްޑިވްސް އެއާރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢުތައް:

  • ފޮނަދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢު
  • ފޮނަދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލޭންގުއެޖް ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު
  • ފޮނަދޫގައި އޮފީސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަޝްރޫޢު
  • ފޮނަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު 
  • ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް 

އެމްއޭސީއެލްއާ ހަވާލުކުރި މަސައްކަތްތައް:

  • ފޮނަދޫއަށް 30 ހެކްޓަރުގެ ބިން އިތުރުކުރުން 
  • ކައްދޫ އެއަރޕޯޓު ބޮޑުކުރުމަށް ބޭނުންވާ 114 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކައްދޫ އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުން
  • ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަޝްރޫޢު 

Ads by MSS

މި ލިޔުން ކިޔާލުމުން