ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް: ފިރިހެން ބީޗް ވޮލީގައި ރާއްޖެއިން ޤަތަރާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފި

އޭޝިއަން ޔޫތު ގޭމްސް: ފިރިހެން ބީޗް ވޮލީގައި ރާއްޖެއިން ޤަތަރާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފި

އޭޝިއަން ޔޫތު ގޭމްސްގައި ފިރިހެން ބީޗް ވޮލީއިން ރާއްޖެ ތަމްސީލުކުރާ ޕެއާރ / ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

farudhun logo

ފަރުދުން

21 އޮކްޓޯބަރު 2025، 09:06

21 އޮކްޓޯބަރު 2025، 09:06

މިހާރު ބަޙްރެއިންގެ މަނަމާގައި ކުރިޔަށްދާ އޭޝިއަން ޔޫތު ގޭމްސް 2025ގައި ފިރިހެން ބީޗް ވޮލީ އިވެންޓުން ރާއްޖޭގެ ޓީމު ވަރުގަދަ ޤަތަރާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފިއެވެ.

މި އިވެންޓުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަނީ މުޙައްމަދު އިކުރާމް އާއި ޢަބްދުﷲ ޝަރަފް ޢަލީއެވެ. މި ޕެއާރއިން ޤަތަރާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެންމެ ފާހަގަކޮށްލެވެނީ ފުރަތަމަ ސެޓާއި ޓައި-ބްރޭކް ސެޓުގައި ދެއްކި ހުނަރުވެރި ކުޅުމެވެ.

ނަމަވެސް ބަހްރެއިންގެ ސަމާ ބޭ ބީޗް ވޮލީބޯޅަ އެރީނާގައި ކުރިއަށް ދިޔަ މި މެޗުގައި 2-1 ސެޓުން ކުރި ހޯދީ ޤަތަރުންނެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ފިރިހެން ބީޗް ވޮލީއިން ރާއްޖެ އާއި ޤަތަރު ބައްދަލުކުރި މެޗު / ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

މެޗުގެ ފުރަތަމަ ސެޓު 21-19 ޕޮއިންޓުން ކާމިޔާބުކޮށްފައި ވަނީ ރާއްޖޭގެ ޓީމުންނެވެ. ޤަތަރުގެ އަޙުމަދު ޒިޔާދު ބެތީއޫ އާއި މޫސާ އަލްކީރްގެ ޕެއާރއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ދެ ސެޓު ރާއްޖެއަށް ގެއްލުނީ 21-6 އަދި 15-8 އިންނެވެ.

ޓައި-ބްރޭކް ސެޓުގައި 8-8 އިން އެއްވަރުވެފައި އޮތް ވަގުތުކޮޅެއް އައިއިރު، ޤަތަރުން ވަނީ ފަހުން އެ ޓީމުގެ ކޮޅަށް މެޗު އަނބުރާލުމަށް ތަޖުރިބާގެ ބޭނުންކޮށްފައެވެ.

ބަޙްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ ފިރިހެން ބީޗް ވޮލީބޯޅައިގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނެނީ ގްރޫޕް-ބީގައެވެ. އެ ގްރޫޕްގައި ރާއްޖެ އާއި ޤަތަރުގެ އިތުރުން ދެން ހިމެނެނީ އިންޑޮނޭޝިއާ، ސްރީ ލަންކާ އަދި ބަޙްރެއިންއެވެ.

މި މުބާރާތުގެ ފިރިހެން ބީޗް ވޮލީ ބޯޅަ ޓީމުން ކުޅޭ ދެވަނަ މެޗު އޮންނާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5 ޖަހާއިރެވެ. އެ މެޗުގައި ރާއްޖޭގެ ޓީމުން ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި ރާއްޖޭގެ މެޗެއް މިރޭ 11 ޖަހާއިރު ވެސް އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ އިންޑޮނެޝިއާއާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން