ޚަބަރު
ލ. މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ރައީސް އޮފީސް
ލ. މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް، އާރުޑީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ މާމެންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު އެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމް އެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކުރަމުންދާ ކުންފުންޏެކެވެ. ޒަމާނީ ފެންވަރަށް މަގުހެދުން ފަދަ މުހިންމު މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިޤްތިޞާދީ ކުރިއެރުން ލިބިފައިވެއެވެ.
މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.