Ads by Stelco

ޚަބަރު

ޝަރީޢަތުގެ މަޖިލިހުގައި ދައްކާ ވާހަކަތަކަށް ފަނޑިޔާރުން ސަމާލުވާން ޖެހޭ: އުއްތަމަ ފަނޑިޔާރު

ޝަރީޢަތުގެ މަޖިލިހުގައި ދައްކާ ވާހަކަތަކަށް ފަނޑިޔާރުން ސަމާލުވާން ޖެހޭ: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދައްކަވަނީ.

farudhun logo

ފަރުދުން

21 އޮކްޓޯބަރު 2025، 03:09

21 އޮކްޓޯބަރު 2025، 03:09

މިހާރު ކުރިއަށް ގެންދާ ޝަރީޢަތްތައް ޙަޤީޤީ މާނައިގައި "ހުޅުވާލައިފައި"ވާއިރު، ޝަރީޢަތުގެ މަޖިލިހުގައި ފަނޑިޔާރުން ދައްކަވާ ވާހަކަފުޅަށް ސަމާލުކަން ދެއްވާން ޖެހޭ ކަމުގައި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ފެމިލީ ކޯޓުގެ ދެ ޤާޟީއަކު މަޤާމުގެ ހުވާ ކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފެމެލީ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަނު ކުރެވުނު ދެ ބޭފުޅުން ކަމުގައިވާ އަލްއުސްތާޛު އަޙްމަދު މަޢުޞޫމް އަދި އަލްއުސްތާޛު މުޙައްމަދު ޒާހިދު މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ވަނީ އެ ދެ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ. އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، މަޤާމާ އަލަށް ޙަވާލުވެވަޑައިގަތް ދެ ޤާޟީން ޙަވާލުވެވަޑައިގަތީ ބޮޑު މަސްއޫލިއްޔަތަކާ ކަމަށާއި، އެ މަސްއޫލިއްޔަތު ޢަދުލު އިންޞާފާ އެކު އަދާ ކުރައްވާން ޖެހޭ ކަމުގައި ވިދާޅުވެފައި ވެއެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ފެމިލީ ކޯޓުގެ ޤާޟީންނާ ޙަވާލު ވެގެން ވަނީ، މުޖުތަމަޢުގެ އެންމެ ނާޒުކު ޙަލަތުގައި ތިބި ފަރާތްތަކަށް އިންޞާފު ހޯދައިދިނުމުގެ މަސައްކަތެވެ. ވީމާ، އެ ކޯޓުން ބަލާ މައްސަލަތައް ޢާއިލާތަކާ ގުޅިފައިވާއިރު، އެ މައްސަލަތައް ބަލާ ފަރާތްތަކަކީ ކެތްތެރި އަދި އޯގާތެރި ބަޔަކަށް ވުމަކީ ލާޒިމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މި ގޮތުން، އެހެން މީހުންގެ އިޙުސާސްތަކާއި ޖަޒުބާތުތައް ފަހުމުވުމަށް ބޭނުންވާ ހަމްދަރުދު ޤާޟީންގެ ކިބައިގައި ހުންނާން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދުގެ ވާހަކަފުޅުގައި އިތުރަށް ބަޔާންކުރެއްވި ނުކުތާތަކުގެ ތެރޭގައި، ފަނޑިޔާރުންގެ ކިބައިގައި ހުންނަ ޞިފަތައް އެއް ޞިފަ އަނެއް ޞިފައާ ގުޅިފައިވާ ކަން ހިމެނެއެވެ. އެ މަނިކުފާނު ވިދާޅުވީ، ފަނޑިޔާރަކަށް ވިޔަތީ ބައެއް ޞިފަތައް ހުރުން ލާޒިމު ކަމަކަށް ވާއިރު، އެ ޞިފަތައް އެކެއް އަނެކާ ލައިމެހިފައި ވާ ކަމަށެވެ. އަދި މި ޞިފަތަކަކީ ފަނޑިޔާރުގެ ޝަޚުޞިއްޔަތު ބިނާ ކުރާ ޞިފަތައް ކަމަށް އުއްތަމަ ފަނޑީޔާރު ވިދާޅުވިއެވެ. ވީމާ، މި ޞިފަތައް ދެމެހެއްޓުމުގެ އަހަންމިއްޔަތު ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވަނީ، ޝަރީޢަތުގެ މަޖިލިހުގައި ފަނޑިޔާރުން ދައްކަވާ ވާހަކަތަކަށް ސަމާލުކަން ދެއްވާން ގޮވައިލައްވާފައެވެ.

ޝަރީޢަތް ކުރާ މާލަމް ވަކި ވަޤުތެއްގައި ބަނދުވިޔަސް، މިހާރު ޝަރީޢަތުގެ މަޖިލިސް އަޅުގަނޑުމެންގެ ސިޓިން ރޫމްތަކާއި ހޮޅިއަށިތަކަށް ވަޤުތުން ފެނޭ. ދިގު މުއްދަތަކަށް މަންޡަރު ރައްކައު ކުރެވޭ. އެހެން ކަމުން، ޝަރީޢަތުގައި ދިމާވާ ޙާލަތަކުން ބުނެވޭ ބަހަކީ މީސްމީޑިއާގައި ވައިރަލް ވެދާނެ އެއްޗެއް. ފަނޑިޔާރު މަޝްހޫރު ވުމަށް ވެސް މެދުވެރިވެދާނެ. އެ ބަސް ފަނޑިޔާރުކަމާ ނުގުޅޭ މިންގަނޑަކުން ކިރުމުގެ ފުރުޞަތު އޮވެދާނެ. އެހެން ވީމާ މި ފަދަ ކަންކަމަށް ފަނޑިޔާރުން ރައްކައުތެރިވާން ޖެހޭނެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފަނޑިޔާރުން ކޯޓުން ބޭރުގައި ވެސް ޢަމަލުތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފައި ވެއެވެ. މި ގޮތުން، ޢާންމު ފަރުދަކު ޢަމަލު ކުރާ ގޮތަށް ފަނޑިޔާރުން ޢަމަލު ކުރުމަކީ މުޖްތަމަޢު ބަލައިނުގަންނާނެ ކަމެއް ނޫން ކަން ފަނޑިޔާރުން ޤަބޫލުކުރަން ޖެހޭ ކަމަށް ޤާޟިލްޤުޟާތި އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވިއެވެ. އަދި އިޖްތިމާޢީ ގުޅުންތަކުގައި ވެސް ވަކި މިންގަނޑެއްގެ ތެރޭގައި ފަނޑިޔާރެއްގެ ޙައިޘިއްޔަތު ބެހެއްޓުމަށް ސަމާލުވާން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅު ނިންމަވައިލައްވަމުން، ކޯޓުގެ ތެރޭގައި ވެސް އަދި ކޯޓުން ބޭރުގައި ވެސް ފަނޑިޔާރުން ޢަމަލު ކުރާން ވާނީ ޝަރުޢީ ދާއިރާގެ ހައިބަތާއި ޤަދަރު ދައްކުވައިދޭ ގޮތަށް ކަމަށް ވިދާޅުވެފައި ވެއެވެ.

މި ރަސްމިއްޔާތުގައި ފެމިލީ ކޯޓުގެ ފަނޑިޔާރުކަމުގް މަޤާމަށް ޢައްޔަން ކުރެވުނު ދެ ބޭފުޅުންނަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުޞްޠަފާ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ.)ގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އަދާމް ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން