ޚަބަރު
މާބައިދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
 
                    އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: އާރުޑީސީ
ލ. މާބައިދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެރަށުގެ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މާބައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުއްރައްޒާޤު އިބްރާހިމް އެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.
މާބައިދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަކީ، އެރަށުގެ ޒުވާނުން ނުހަނު ބޭނުންވާ ކަމަކަށް ވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެރަށެއްގެ ރައްޔިތުން ބޭނުންވާ ކުޅިވަރުތައް ކުޅުމަށް، ފެންވަރު ރަނގަޅު ދަނޑުތައް އަޅުއްވައިދެއްވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ވޮލީކޯޓުތަކާއި، ފުޓްސަލް ދަނޑާއި، ހޭންޑްބޯޅަ ކޯޓުތައް އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މާބައިދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުކީ ދައުލަތުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.
 
                 
                             
                                         
                 
                 
                                             
                                            