ޚަބަރު
ވިޔަފާރި އުސޫލުން ދޫކުރި ތަންތަނުން މިއަހަރު 223 މިލިޔަން ހޯދިފައި ވާކަމަށް އެޗްޑީސީ އިން ބުނެފި
 
                    އެޗްޑީސީގެ ވެރިން މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަނީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ނުލިބިވާ ފައިސާގެ ތެރެއިން މިއަހަރު 223 މިލިޔަން ރުފިޔާ ހޯދިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ސާމިހެވެ. އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގެނެވުނު އެންމެ މުހިންމު ބަދަލަކީ ކޮމާޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުންގެ ކްރެޑިޓް ޑޭޓާ އެމްއެމްއޭގެ ކްރެޑިޓް ބިއުރޯގައި ރަޖިސްޓްރީކޮށް، މަހުން މަހަށް އަޕްޑޭޓްކުރަމުން ގެންދިއުމެވެ.
ސާމިހް ހާމަކުރެއްވި ގޮތުގައި ކޮމާޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުން އަތުން ލިބެންޖެހޭ 2.7 ބިލިއަން ރުފިޔާގެ ތެރެއިން މިއަހަރުގެ މިހާތަނަށް 223 މިލިއަން ރުފިޔާ ވަނީ ހޯދިފައެވެ. މިއީ މިދިޔަ އަހަރު ހޯދުނު 220 މިލިއަން ރުފިޔާއާ އަޅާބަލާއިރު ކުރިއެރުމެކެވެ. ނަމަވެސް މި އަދަދުގައި ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން އިދާރާތަކުން ލިބެންޖެހޭ ފައިސާ ނުހިމެނެއެވެ.
"އެމްއެމްއޭގައި ރަޖިސްޓްރީ ކުރަމުންދަނީ ހަމައެކަނި ރެޒިޑެންޝަލް ކަސްޓަމާސް އެކަންޏެއް ނޫން. ހުރިހާ ކޮމާޝަލް ކަސްޓަމާސްވެސް ހަމަ އިޝޫއެއް ނޫޅޭ ޝޯޓްއައުޓް ނުވާ ހުރިހާ އެއްޗެއް މިހާރު ހުންނާނީ ރަޖިސްޓަރ ކުރެވިފައި،" ސާމިހް ވިދާޅުވިއެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި މިއަހަރުގެ ބާކީ އޮތް މުއްދަތުގައި އިތުރު 41 އިންސައްތައިގެ ރިކަވަރީއެއް ހޯދުމަށް އަމާޒުކުރެވިފައިވެއެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އިސްކަންދީގެން މަސައްކަތްކުރަމުންދާކަމަށް ވެސް ކުންފުނިން ބުނެފައިވެއެވެ.
އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮމާޝަލް ކަސްޓަމަރުންގެ 40 އިންސައްތަ މީހުން މަހުން މަހަށް ދައްކަންޖެހޭ ކުލި ޤަވާއިދުން ނުދައްކައެވެ. މިކަމާ ގުޅިގެން އިންޒާރު ދިނުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާކަމަށް ކުންފުނިން ބުނެފައިވެއެވެ.
 
                 
                             
                                         
                 
                 
                                             
                                            